ENGLISH
10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އާ ސްކީމެއް ތައާރަފްކޮށްފި
10 ޑިސެމްބަރު 2025
|
މަސް ކެއްކުމަށްފަހު މަސް ސާފުކުރުމުގައި--ފޮޓޯ:ދައުރު
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން 'މަހަ މަންފާ' ގެ ނަމުގައި އާ ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި އެވެ.
މި ސްކީމަކީ މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް، ބާޒާރަށް ނެރުމަށް މަގުފަހި ކުރުވުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތައާރަފްކޮށްފައިވާ ސްކީމެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނީ މި ސްކީމުގެ މައިގަނޑު މަގްސަދަކީ މި ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެވޭނެކަމަށާއި އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ބަންދުކުރުމާއި، މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށް މާލީ އެހީ ލިބެގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތަކުގެ އިތުރުން ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000 ރުފިޔާއާއި 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސިންގ ފޯރުކޮށްދެ އެވެ. އަދި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލޯނު ދެއްކުމަށް ގިނަވެގެން ހަތް އަހަރު ދުވަސް ލިބިގެން ދެއެވެ.
މި ފައިނެނޭންސިންއަކީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް ހަ އިންސައްތައިގެ ރޭޓުން ދޫކުރެވޭ ފައިނޭންސް ކަން ފާހަގަކޮށްލެވެ އެވެ.
މި ފައިނޭންސިންގއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށާއި، މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރައްވާކަމަށް ވެސް ވިދާޅުވި އެެވެ.
އިތުރަށް ސިއީއޯ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް މި ސްކީމުން އެހީތެރިވެދޭނެ ކަމަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ފަރުމަސްވެރިކަމުގެ ދާއިރާއިން ކުދި ވިޔަފާރިތައް އިތުރުކުރުމަށް، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ފަރާތްތަކަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
މި ސްކީމަށް އެދި ހުށަހެޅުހުގެ ފުރުސަތު www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، މިމަހުގެ 13 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފަ އެވެ.