ENGLISH

11 ޑިސެމްބަރު 2025

Advertisement

ޙައްޖު އަދި ޢުމްރާ ކޮންފަރެންސްއަށް، ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް

09 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ސަޢޫދީގެ ވަފުދު ރާއްޖެ ވަޑައިގަތުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޑިސެމްބަރު 11 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް އިއްޔެ، ރާއްޖެ ވަޑައިގެންފިއެވެ. 

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ.

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. 

ރާއްޖޭގައި ޙައްޖު އަދި އުމްރާގެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސަރުކާރުން އެކަމުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނި، ޙައްޖާޖީންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބުމެވެ. 

ސަޢޫދީ އަރަބިއްޔާއާ އެކު ރާއްޖޭން އުފައްދާފައިވާ ގާތްގުޅުމާއެކު، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ މިހާރު ވަނީ ދާއިމީކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު