ENGLISH
08 ޑިސެމްބަރު 2025
އެމްގެޕަކީ ކުދި ރަށްތަކުގެ ދަނޑުވެރިކަން ބައިނަލްއަޤްވާމީ މައިދާނަށް ގެންދެވޭނެ ނިޒާމެއް: ޑރ. މާރިޔާ
08 ޑިސެމްބަރު 2025
|
އެމްގެޕް ވޯކްޝޮޕްގައި ވަޒީރު ޑރ. މާރިޔާ ވާހަކަދައްކަވަނީ. ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE)ގެ ދަށުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ވޯކްޝޮޕްގެ ތިއަރީ ބައި ކުރިއަށްގެންދިޔައީ މާލޭ ސިޓީގައެވެ. އަދި، ޕްރެކްޓިކަލް ބައިގެ ސެޝަންތައް އއ. ތޮއްޑޫގައި ކުރިއަށްގެންގޮސްފައިވެއެވެ.
ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 މީހަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނުނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަނޑުވެރިއެކެވެ.
ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، އެމްގެޕް ތަމްރީނާއެކު ކުދި ރަށްތަކުގައި ކުރާ ދަނޑުވެރިކަން ވެސް ބައިނަލްއަޤްވާމީ ފެންވަރަށް ގެންދެވިދާނެކަން ސާބިތުކޮށްދެވިފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ދަނޑުވެރިންނަށް ލިބޭ ޝަރަފެއް އަޅުގަނޑުމެންގެ ބާޒާރުން ކާނާ ގަންނަ ފަރާތްތަކަށް ލިބޭނޭ ސިއްހީ ރައްކާތެރިކަމުގެ ޔަގީންކަމެއް. އަދި އަޅުގަނޑުމެންގެ ރަށްރަށަށް މޫސުމީ ބަދަލުތަކުން އަތުވެދާނޭ ނުރައްކަލުން ސަލާމަތްވާން ލިބޭ ހިތްވަރަކާއި ބާރެއް. މިއީ ކުދި ރަށްތަކުގައި ކުރާ ދަނޑުވެރިކަން ވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނިޒާމެއް،" ވަޒީރު ވިދާޅުވިއެވެ.
އެމްގެޕަށް އަހުލުވެރިކުރުވުމަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިން. ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
ދަނޑުވެރިކަމުގެ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތަކާ ގުޅޭގޮތުން ވަޒީރު ޑރ. މާރިޔާ ވިދާޅުވީ، ހަމައެކަނި މިދިޔަ އަހަރަށް ބެލިނަމަވެސް ޕީޑީއެސްއޭއީގެ މަޝްރޫޢުގެ ދަށުން 50 ދަނޑުވެރިން ތަމްރީނުކޮށްފައިވާ ކަމަށެވެ.
ވަޒީރު ވަނީ ކުދި ރަށްތަކުން ދަނޑުވެރިކަމުގެ މަސައްކަތަށް ކުރަމުންގެންދާ މަސައްކަތް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ށ. ގޮއިދޫ އައިލެންޑް ފާމާސް ފޯރަމްގެ 10 މެންބަރުން އެމްގެޕްގެ އޮޑިޓް ސެޓްފިކެޓް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. މިއާއެކު ގޮއިދޫ ވެފައިވަނީ ރާއްޖޭގައި އެމްގެޕްގެ 5 މޮޑިއުލާއެކު ސެޓްފިކެޓް ލިބުނު ފުރަތަމަ ރަށަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ތާރީޚީ ކާމިޔާބެއް. މި ކާމިޔާބީތަކުން ދައްކުވައިދެނީ، ހިތްވަރާއެކު މަސައްކަތްކޮށް، އެކަށީގެންވާ އެހީތެރިކަމާއި ވަރުގަދަ ގުޅުމެއް އޮތްނަމަ، އެމްގެޕް ސެޓްފިކެޓް ވެސް އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެކަން،" ވަޒީރު ވިދާޅުވިއެވެ.