ENGLISH

08 ޑިސެމްބަރު 2025

Advertisement

"މި ފެންނަނީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ލާމަސީލު މިސާލެއް"

08 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމުގެ ސަގާފަތަކީ މީގެކުރިން ރާއްޖޭގައި ނެތް ބީރައްޓެހި ކަމެކެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ބަދަލުކުރައްވައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާ ބައްދަލުވުންތައް ބާއްވަވަން ފެއްޓެވުން ވެގެންދިޔައީ ރައްޔިތުން މި ހުރިހާ ދުވަހު އެދިއެދި ފުރުޞަތަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތަކަށެވެ. 

މާލެ ސަރަޙައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައި، އެމަނިކުފާނު މިހާތަނަށް ވަނީ ވިލިމާލެއާއި މާފަންނު، މަންޗަންގޮޅި އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ކޮންމެ ބައްދަލުވުމެއްގައި ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެމަނިކުފާނު ގެންދަވަނީ ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ހެންވޭރު ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުން. ރައްޔިތުން ކަންބޮޑުވުންތައް އަޑުއަހާތީ ގިނަ ބައެއްގެ ޝުކުރު ރައީސަށް އަދާކުރި. ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ހުށަހެޅުންތައް ސީދާ ރައީސަށް އަރުވަން ލިބުމަކީ މިއަދު ރައްޔިތުން އެކަން އުފަލާއެކު ބަލައިގަންނަ ކަމެކެވެ. މީގެކުރިން ނުލިބުނު އެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލިބުމަކީ ރައްޔިތުން މިއަދު އެމަނިކުފާނަށް ޝުކުރުއަދާކުރާ ސަބަބެވެ. މިދިޔަ ބައްދަލުވުންތަކުގައި ރައްޔިތުން ވަނީ އެކަމުގެ ޝުޢޫރުތައް ފާޅުކޮށް ހައްޤުވާ ޝުކުރު އެމަނިކުފާނަށް އިއްވައިފައެވެ.

ހެންވޭރު ބައްދަލުވުމުގައި ބައިވެރިވި މުޙައްމަދު މުސްތާގު ބުނީ، މިއަދު ފެނިގެންދަނީ ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ލާމަސީލު މިސާލެއް ކަމަށެވެ. 

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ރައީސުލްޖުމްހޫރިއްޔާއަށް މިކަހަލަ ފޯރަމް ބާއްވާތީ. ޙަޤީގަތުގަ ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ވަރަށް ލާމަސީލު މިސާލެއް މި ފެންނަނީ. އެއީ ކޮންމެ ރައްޔިތަކަށް ވެސް ހަމަ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ކުރިމަތީގައި ވާހަކަދެއްކުމުގެ ފުރުޞަތު. ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުޞަތު ވެސް މި ލިބެނީ" -

މުސްތާގުގެ އުމުރުން 60 އަހަރު ވީއިރު، ރައީސެއްގެ ކުރިމަތީ ވާހަކަދައްކަން ފުރުޞަތެއް ނުލިބުނެވެ. ލިބުނު ފުރުޞަތުގައި ޝުކުރު އަދާކޮށް މުސްތާގު ވަނީ ރައީސް ކުރިފުޅުމަތީގައި ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ރައީސް ފެއްޓެވި ވަޠަނީ ޚިދުމަތާއެކު، ކުރިމަގުގައި ލީޑަރުން އުފެދިގެންދާނެކަން އުފަލާއެކު ފާހަގަކުރިއެވެ. 

ބައްދަލުވުމުގައި މުސްތާގު ވާހަކަދައްކަނީ. ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ދޭ ފުރުޞަތަށް ޝުކުރުއަދާކުރި. ފޮޓޯ: ރައީސް އޮފީސް

ބައްދަލުވުމުގައި ބައިވެރިވި ޢަބްދުއްލަޠީފު އުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ނިންމަވާފައިވާ މުހިއްމު ނިންމުންތަކަށް ތަޢުރީފުކޮށް ވާހަކަދައްކައިފައެވެ. 

"މިފަދަ ފުރުޞަތެއް ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަނިކުފާނުގެ ސަރުކާރުގައި ރާއްޖެއަށް ލިބޭ ޑޮލަރުން ރަނގަޅު އިންސައްތައެއް ސަރުކާރަށް ލިބޭގޮތް ހެއްދެވިކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަދި، ޑްރަގް ހުއްޓުވުމަށާއި ސިނގިރޭޓާއި ދުންފަތުގެ އިސްތިޢުމާލު ކުރުމުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅަށް ވެސް ސަތޭކައިން ސަތޭކައަށް ތާއިދުކުރަން އަޅުގަނޑު"

ބައްދަލުވުމުގެ އެހެން ބައިވެރިއެއް ކަމަށްވާ މުހައްމަދު މުސާފުޅު، އޭނާގެ ބައިނަލްއަޤްވާމީ ތަޖުރިބާއާއެކު ބުނީ ޤައުމެއްގެ ވެރިއަކު މިގޮތަށް ރައްޔިތުންނާ ބައްދަލުކުރުމަކީ މީގެކުރިން ނުދެކޭ މަންޒަރެއް ކަމަށެވެ. އެއީ ދިވެހި ތާރީޚުގައި ފާހަގަކުރެވޭ ރައްޔިތުން އުފާވާ ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ. 

"އަޅުގަނޑަކީ މުޅި ދުނިޔޭގެ އެތަން މިތަނުގަ ދަތުރުކޮށްފަ ހުރި މީހެއް. ނުދާ ޤައުމެއް ވަރަށް މަދު. އަޅުގަނޑު ނުދެކެން ޤައުމެއްގެ ވެރިއަކު މިގޮތަށް ރައްޔިތުންނާ މިހާ ހާމަކަން ބޮޑު ގޮތެއްގައި ފާޅުކަން ބޮޑުގޮތެއްގައި ވެރިއަކު ބައްދަލުކުރައްވާ ރައްޔިތުންގެ ހާލު އަހުވާލު ބެއްލެވި އެއްވެސް ވެރިއެއް. އަދި މި ދިވެހި ތާރީޚުގައި ވެސް ފާހަގަކުރެވޭ ކަމެއް މީ"

ރައީސަށް އިއްވި ޝުކުރާއެކު ރައްޔިތުން ވަނީ މީގެކުރިން ނުވެ އޮތް މުހިއްމު ކަންކަން ހައްލުކޮށްދެއްވުމަށް ރައީސަށް ހުށަހަޅައިފައެވެ. ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަށް އޮތީ ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެގޮތުން މިދިޔަ ވެރިކަމުގައި ބިންތައް ނުހިއްކާ ދީފައި އޮތް ގޯތިތައް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ރައީސްގެ ކިބައިން އެދުނެވެ. އަދި، ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، ޕާކިން މައްސަލައަށް ޙައްލު ގެނެސްދެއްވުމަށް ވެސް ރައީސްގެ ކިބައިން ރައްޔިތުން އެދުނެވެ. 

ޢަބްދުއްލަޠީފް ފުރުޞަތަކަށް މަޑުކޮށްލައިގެން. ލިބުނު ފުރުޞަތުގައި ރައީސްގެ މުހިއްމު ނިންމެވުންތަކަށް ޝުކުރުއަދާކުރި. ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ރައްޔިތުންގެ މަޝްވަރާއާއެކު ހެޔޮ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. ޕެންޝަން ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭގޮތް ހަދައި، ޕާކިންގެ މައްސަލަ ޙައްލުކުރުމަށް ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު