ENGLISH

10 ޑިސެމްބަރު 2025

Advertisement

ޔޫތު ހެކަތޯން ޑިސެމްބަރު 11 ގައި، އެއް ވަނަ ޓީމަކަށް އެއްލައްކަ ރުފިޔާ

08 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މިދިޔަ އަހަރުގެ ޔޫތު ހެކަތޯން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: ޒުވާނުންގެ ވުޒާރާ

އެއްވަނަ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ އަގުބޮޑު ޔޫތު ހެކަތޯން ފަށަން، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. 

އެ ވުޒާރާއިން ބުނީ ޔޫތު ހެކަތޯން އޮންނާނީ ޑިސެމްބަރު 11 އިން 13 އަށް އަލަށް ހުޅުވި ޔޫތު ހަބުގައި ކަމަށެވެ. 

މި ހެކަތޯންގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ހެކަތޯންގައި ރަޖިސްޓްރީވުމަށް ފޯމް (https://t.co/rcxuuChZur) މެދުވެރިކޮށް ނުވަތަ ކިއުއާރު ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ވެވޭނެ އެވެ.

މިހެކަތޯންއަށް ކަނޑައަޅާފައިވާ ހަތަރު މުހިންމު ތީމްތަކަކީ؛

  • ޕްލޭ، މޫވް، ލިވް: ކުޅިވަރާއި، ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި، ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް އަމާޒުކޮށްގެން
  • ބެލެންސް، ކަނެކްޓް، ތްރައިވް: ނަފްސާނީ ދުޅަހެޔޮކަމާއި، މުޖުތަމަޢީ ގުޅުންތަކާއި، ނަފްސާނީ ހިފެހެއްޓުންތެރިކަމަށް އަމާޒުކޮށްގެން
  • ލޯންޗް، އާން، ތްރައިވް: ޒުވާނުންގެ ވިޔަފާރިތަކާއި، ގިގް އިކޮނޮމީގެ ފުރުސަތުތަކަށް އަމާޒުކޮށްގެން
  • އިމޭޖިން، އެކްސްޕްރެސް، އިންސްޕަޔަރ: ފަންނާއި، ސަގާފަތާއި، ޑިޖިޓަލް އީޖާދީ ގާބިލިއްޔަތުތަކަށް އަމާޒުކޮށްގެން

މި ހެކަތޯންއިން އެންމެ މޮޅު ތިން ޓީމް ހޮވުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ ޓީމަކަށް 100،000 ރުފިޔާ، ދެވަނަ އަށް ހޮވޭ ޓީމަކަށް 75،000 ރުފިޔާގެ އިތުރުން ތިންވަނަ އަށް ހޮވޭ ޓީމަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް ޔޫތު ހެކަތޯންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާތެރޭގައި ފަށާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށް، އެ ހުނަރު ދުނިޔޭގެ ބާޒާރުގައި ބޭނުން ކުރެވޭ ވަރަށް ފުރުސަތުތައް ކިޔައިދީ، އެކަން ތަނަވަސްކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

މިދިޔަ އަހަރު ބޭއްވި ހެކަތޯނަށް ވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. 

ޒުވާނުންނަށް ތަނަވަސްކޮށްދޭ ފުރުޞަތުތައް ޔޫތު ހަބާއެކު އެކު އެ ވުޒާރާއިން ވަނީ އިތުރުކޮށްފައެވެ. އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭ ގޮތަށް ހުޅުވި ޔޫތު ހަބު ހުޅުވިފަހުން ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. 

މިދިޔަ ހަފްތާ ބަންދުގައި ޔޫތު ހަބުގައި ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މޫވީ ނައިޓް ބޭއްވިއިރު، އޭގެކުރީ ހަފްތާ ޔޫތު ހަބުގައި ވަނީ ކާމިޔާބުކަމާއެކު "ސަޅި ފެސްޓް 2025" ބާއްވައިފައެވެ. 

ޒުވާނުންގެ ވުޒާރާއިން ބުނީ އެ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ބޭނުމަކީ، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ޒުވާނުންގެ ހުނަރު ތަރައްޤީކޮށް މުޖުތަމައުތެރޭގައި ބޭނުންތެރި ބަޔަކަށް ޒުވާނުން ހެދުމެވެ. 

ކިޔުންތެރިންގެ ހިޔާލު