ENGLISH

08 ޑިސެމްބަރު 2025

Advertisement

ރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ އާ އުސްމިންތަކުގެ ފެށުމެއް: ޗައިނާ ސަފީރު

07 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ އެކުވެރިކަމަކީ އާ އުސްމިންތަކުގެ ފެށުމެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ކޮންގް ޝިޔަންހުވާ ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ބ. އޭދަފުށީ ކައުންސިލުން ދިން ދައުވަތެއްގައި ސަފީރު ވަނީ އެ ރަށަށް ޒިޔާރަތް ކުރައްވައިފައެވެ. ސަފީރު އާއްމު ކުރެއްވި ލިޔުމެއްގައި ރާއްޖޭގެ ގުދުރަތީ ރީތިކަމަށްވުރެ ދިވެހީންގެ އޯގާތެރިކަމުގެ ސިފަޔަށް ގަޔާވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން ސަފީރަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި ފެނިގެންދިޔަ ތަފާތު ސަގާފީ ނެށުންތަކާއި މަސައްކަތްތަކުން ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް ދައްކުވާދިންކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މަސައްކަތުގައި، ޚާއްސަކޮށް ކެއްކުމުގައި ބޭނުންކުރާ ވަސީލަތްތަކަކީ ޗައިނާގައި ސަފީރު ބޭނުންކުރެއްވި ވަސީލަތްތަކެއް ކަމަށް ވިދާޅުވެ، މިފަދަ ކުދި ކުދި ކަންކަމުން އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުން ރަމްޒުވެގެންދާކަމަށް ވިދާޅުވެފައިވެއެވެ. އަދި އޭޝިއާ ގައުމުތަކުގެ ސަގާފަތުގެ އެއްގޮތްކަމާއި ކާބަފައިންގެ ޒަމާނުއްސުރެން ހިއްސާވަނިވި ފަހުމްވުމެއް އޮންނަކަން ފާހަގަކުރައްވާފައިވެއެވެ.

އޭދަފުށީގައި އިހުތިފާލުކުރި ޚާއްސަ ސަގާފީ ކުޅިވަރުތަކުގެ ހަފުލާ ސިފަކުރައްވަމުން ސަފީރު ވިދާޅުވީ، ފޭލީގައި ހެދުން އެޅުމުން ދިވެހީންގެ ތެރެއިންވާ މީހެއްގެ ގޮތުގައި ސަފީރަށް އިހުސާސް ކުރެވިގެންދިޔަކަމަށެވެ. އަދި އެރޭ ކުރެވުނީ ހަނދާނުން ނުފިލާނެ ވަރުގެ ތަޖުރިބާއެއް ކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ، އެ ރޭ ފެނިގެންދިޔަ ހިތްގައިމު ހުށަހެޅުންތަކާއި އިވިގެންދިޔަ ރީތި ލަވަތަކަށް ވެސް ސަފީރު ތައުރީފް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ސަފީރު ވަނީ ބ. އަތޮޅުގެ ތައުލީމީ މަރުކަޒު އަދި އެ ރަށުގެ ޕްރީސްކޫލަކަށް ވެސް ޒިޔާރަތްކުރައްވައިފައެވެ. އެ ސްކޫލް ދަރިވަރުންގެ ރިވެތި އަޚްލާޤާއި ހުނަރުވެރިކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ ލަވަޔަކަށް ސްކޫލް ދަރިވަރުން ހުށަހެޅި ހުށަހެޅުން ބަލާލުމުގެ ފުރުސަތު ލިބުމުން އުފާ ކުރައްވާ ކަމަސް ވިދާޅުވިއެވެ.

ސަފީރު ޒިޔާރަތްކުރެއްވި ތަންތަނުގެ ތެރޭގައި އެ ރަށުގެ ފުޓްބޯޅަ ސްޓޭޑިއަމް އަދި ބ. އަތޮޅު ހޮސްޕިޓަލް ވެސް ހިމެނެއެވެ.

ޗައިނާ ސަފީރުގެ ހައިސިއްޔަތުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ދެ ގައުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމާއި، ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން، ހިއްސާކުރެވޭ މުސްތަޤްބަލެއް އޮތް މުޖުތަމަޢެއް ބިނާކުރުން ކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި ކައުންސިލް މެންބަރުންނާ އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް ކަންކަމުގައި އިސްކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

ޗައިނާގެ ސަފީރު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު