ENGLISH
18 ނޮވެމްބަރު 2025
ޖަނަވަރީ މަހުން ފެށިގެން ނަފުސާނީ ބަލީގެ ފަރުވާއަށް ކުރާ ހުރިހާ ހޭދައެއް އާސަންދައިން ހަމަޖެހޭނެ
17 ނޮވެމްބަރު 2025
|
ފޮޓޯ: މިހާރު
އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކުގެ ފަރުވާއަށް ކުރާ ހުރިހާ ހޭދައެއް އާސަންދައިން ހަމަޖައްސައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބުތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނަފުސާނީ ބައްޔަކީ ބޮޑު މައްސަލައެއް ކަމަށްވާއިރު، އެ ފަރުވާ ހޯދުމަށް މިހާތަނަށް ހުރިހާ ހަރަދެއް ކުރަންޖެހެނީ ޖީބުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަފްސާނީ ބަލީގެ ފަރުވާގެ ހޭދަ އާސަންދައިން ހަމަޖައްސައިނުދޭކަން އެނގިވަޑައިގަތުމުން އެކަމާ ހައިރާންވެވަޑައިގެންނެވި ކަމަަށެވެ. އެކަމަށް ނިމުމެއް ގެންނަވައި އަންނަ ޖަނަވަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިގެ ތެރެއިން ދައުލަތުން ހަމަޖައްސައިދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"އެކަން ނިމުމަކަށް ގެނެސް، އެކެއް ޖަނަވަރީން ފެށިގެން ނަފުސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުވާނެ،" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ނަފުސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ނަފްސާނީ ބަލި ހުންނަ މީހުންނަށް ހާއްސަކޮށް ހެލްޕްލައިނެއް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަަ ދުވަހުގައި ގާއިމުކުރިއެވެ. އެ ހެލްޕްލައިނުގެ ނަންބަރަކީ 1677 އެވެ.
އަދި ނަފްސާނީ ބަލިތަކުގެ ސަބަބުން އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ އިސްތިރާޖިއްޔާއެއް އެކުލަވައިލާ ފާއިތުވި އޮކްޓޯބަރު މަހުގައި އެއަށް އަމަލުކުރަން ފަށާފައިވެއެވެ.