ENGLISH

18 ނޮވެމްބަރު 2025

Advertisement

ރައްޔިތުންގެ އެއްބާރުލުމާއެކު، ޑްރަގާއި ބިދޭސީންނާއި ގޭންގުތަކުގެ މައްސަލަ ހައްލުކުރާނަން: ރައީސް

17 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ ތިން މައްސަލަ ކަމުގައިވާ ޑްރަގާއި، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައާއި ގޭންގު ކުށްތަކުގެ މައްސަލަ ހައްލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަަމުން ރައީސް ވިދާޅުވީ މި ތިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރާއިރު، އެ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި ޔަގީންކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ އެއްބާރުލުމާއެކު އެ ތިން މައްސަލައަށްވެސް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ނެގުމުގެ މުއްދަތު ހަމަވެފައިވާއިރު ދެން ބިދޭސީންގެ ތެރެއިން އެ މައުލޫމާތު ނުދީ ނުގަވާއިދުން އުޅޭ ކޮންމެ ބިދޭސީއަކުވެސް އަތުލައިގަތުމަށްފަހު ޑީޕޯޓުކުރާނެ ކަމުގެ ޔަގީންކަަން ރައީސް ދެއްވިއެވެ. އަދި މި ސިޔާސަތުގެ ނަތީޖާއަކަށްވާނީ މި މައްސަލައަށް ބޮޑު ހައްލެއް ލިބުން ކަމަށެވެ. 

ޒުވާނުން މަސްތުގެ ހާލަތުގައި އުޅެން ބޭނުންނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އަދަބު ދެއްވަން ބޭނުންފުޅުވަނީ އޭގެ ސަޕްލައި ހުއްޓުވުމަށް ކަމަށެވެ. 

ސަަޕްލައި ހުއްޓުވުމަށްފަހު ދެން ސަމާލުކަންދޭނީ މަސްތުގެ ހާލަތުގައި ތިބި ޒުވާނުން އެއިން ސަލާމަތްކުރަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމަަށްޓަކައި އާއިލާއާއި މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ޒުވާނުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އޭގެ އިތުރަށް ރިހިބިލިޓޭޝަން ސެންޓަރުތައް ތަރައްގީކުރަމުންދަނީވެސް ފަރުވާގެ ނިޒާމު ފުޅާކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. 

ގޭންގު ކުށްތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ ގޭންގުތައް ކަނޑައެޅުމަކީ ފުލުހުން ޕީޖީ މެދުވެރިކޮށް ކޯޓުތަކުގެ ޒަރީއާއިން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ގާނޫނުގައި ބުނާ  ޝަރުތު ހަމަވާ ބައެއް ނެތްކަމުގައި ޕީޖީ ވިދާޅުވިކަމަށާއި، ގޭންގުތައް މެދުވެ ކުރިން ކުށްކުރުމުގައި ޝާމިލުވި ޒުވާނުން ގޭންގުތައް ދޫކޮށް އާއްމު ދިރިއުޅުމަށް ރުޖޫއަވެއްޖެ ކަމަށެވެ. 

ހަރުކަށިކޮށް ގާނޫނުތައް ހެދުމުގެ ބޭނުމަކީ އަދަބު ދިނުން ނޫން ކަމަށާއި، އެ ގާނޫނުތަކުގެ ބޭނުމަކީ އެފަދަ ކުށްތަކަށް އަރައިގަތުމަށް ހުރަަސްއެޅުން ކަމަށެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ގޭންގު ކުށްތަކުގައި އުޅުނު މީހުން އެ ކުށްތަކާ ދުރުވާނެ ކަމަށް ކަމުގައެވެ. 

ސަރުކާރުން ޒުވާނުންނަށް ތައުލީމާއި ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި ޒުވާނުންނަށް ރައީސް އިލްތިމާސްކުރެއްވީ ބިނާކުރެވި ގައުމަށް ހިދުމަތްކުރެވޭ ބަޔަކަށް ވުމަށެވެ. ކުށުގެ ވެށީގައި ތާށިވެފައިވާ ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ އެ މާހައުލުން ނުކުމެ ގައުމީ ހިދުމަތާ ގުޅި ސަރުކާރުން ދޭ ފުރުސަަތުތައް ބޭނުންކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު