ENGLISH

19 ނޮވެމްބަރު 2025

Advertisement

ދެ ޔުނިވަސިޓީގެ 38 ކެމްޕަސްގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް

17 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ދެ ޔުނިވަސިޓީ ކަމުގައިވާ ގައުމީ ޔުނިވަސިޓީއާއި އިސްލާމީ ޔުނިވަސިޓީގެ ކެމްޕަސްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިމް ޖުމްލަ 38 ކެމްޕަސް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަތީ ތައުލީމުގެ ހިދުމަތް ފުޅާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި، ކުރިން ޔުނިވަސިޓީތަކުގެ ކެމްޕަސްތައް ގާއިމުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ. 

އެގޮތުން 17 ނޮވެންބަރު 2023 ވަނަ އަހަރުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ހުރީ ހަތަރު ކެމްޕަސްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު ވެރިކަމަށް ދެ އަހަރު ފުރޭއިރު ގައުމީ ޔުނިވަސިޓީގެ 26 ކެމްޕަސް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. 

އޭގެ އިތުރަށް ކުރިން އައިޔޫއެމްގެ ކެމްޕަހެއް ކުރިން ހުރީ މާލޭގައި އެކަނި ކަމުގައި ފާހަަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އައިޔޫއެމްގެ 12 ކެމްޕަސް ގާއިމުކުރުމުގެ މަސައްކަތް މިހާރު ހަވާލުކުރެވިފައިވާ ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑުމެން މިބަލަނީ ވީހާވެސް ފުޅާ ދާއިރާއެއްގައި ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މިގައުމުގައި ތިބެގެން އަޅުގަނޑުމެންގެ ދިވެހި ލޮބުވެތި ކިޔަވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދޭން. ކުރީގައި އޮންނަނީ ހުސް މާލެއަށް އަންނަންޖެހޭ ގޮތަށް. މާލެއަށް ނުވަތަ ވެރިކަންކުރަ ސިޓީއަށް ބަރޯސާވުން މިއީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަަތެއް ނޫން،" ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ބައެއް ރަށްރަަށުގައި ލޭންގުއޭޖު ސްކޫލުތައް އެޅުމަށްވެސް އެއްބަަސްވުން ގާއިމުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުން އުފައްދާ ކުދިންނަކީ ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ދަރިވަރުންނަށްވާނެ ކަމުގައި ވިދާޅުވިއެވެ. 

އެގޮތުން ލޭންގުއޭޖު ސްކޫލުތަކުން ނިކުންނަ ކުދިންވާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަގުހުރި ހިދުމަތްކުރާނެ ކުދިންނަަށް ކަމަށާއި، އަލަށް މިސަރުކާރުން އުފެއްދި މަސްވެރިކަމުގެ ކޮލެޖުން ދަސްވެނިވާ ދަރިވަރުން އެ ސިނާއަތަށް ނުކުމެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ހޯދައިދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު