ENGLISH
18 ނޮވެމްބަރު 2025
އޯ ލެވެލް ނިންމައި އޭލެވެލްއަށް ދާ ދަރިވަރުންގެ ނިސްބަތް އިތުރުވުމަކީ ބޮޑު ކާމިޔާބެއް: ރައީސް
17 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ވޮއިސް
އޯ ލެވެލް އިމްތިހާނު ނިންމުމަށްފަހު އޭ ލެވެލްއަށް ދާ ދަރިވަރުންގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެއްވުމާއެކު އެއީ ދެ އަހަރު ތެރޭ ސަރުކާރަށް ހާސިލުކުރެވުނު ވަރަށް ބޮޑ ކާމިޔާބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ކުރއިަށްގެންދާ ޖަލްސާގައި ސަރުކާރުގެ ކާމިޔާބުތަކާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން ރައީސް ފާހަގަކުރެއްވީ އެމަނިކުފާނުގެ ސަރުކާރުން ގަބޫލުކުރާ އެންމެ މުހިއްމު ސިޔާސަތަކީ ތައުލީމަކީ ވަށާޖެހޭ ތައުލީމަށް ހެދުން ކަމަށެވެ. އެގޮތުން ގައުމިއްޔަތު މާއްދާ ތައާރަފުކުރެވި އެންމެ ދަށުގެ ކީ ސްޓޭޖުތަކުގައި އެ މާއްދާ ކިޔަވައިދޭން ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ތައުލީމީ ދާއިރާގައި މިހާރު ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން މަސައްކަތްކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު ސަރުކާރުން ދޭ އެހީއާއެކު 190 ދަރިވަރަކު މުދައްރިސުންގެ ތަމްރީނު ހަދަމުންދާ ކަމަށެވެ.
ސަރުކާރު ހަވާލުވިއިރު ގްރޭޑު 10 ނިންމާ ދަރިވަރުންގެ ޕާސް ޕަސެންޓޭޖު ދަށްކަމަށާއި މިހާރު އެ ޕަސެންޓު މަތިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރު އޯލެވެލް ނިންމައި އޭ ލެވެލްއާ ގުުޅުނީ އެންމެ 31 އިންސައްތަ ދަރިވަރުންނެވެ. ނަމަވެސް ދެ އަހަރު ތެރޭ އެ ނިސްބަތް 49 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށެވެ.
"މިއީ ކާމިޔާބީއެއް. 31 ޕަސެންޓުން 49 ޕަސެންޓަށް ބޮޑުކުރުމަކީ އާދައިގެ ކަމެއް ނޫން. އެއީ އެޑިއުކޭޝަން ނިޒާމުގެ ތެރެއިން ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ނަތީޖާ،" ރައީސް ވިދާޅުވިއެވެ.
އެ ކާމިޔާބު ހާސިލުކުރެވުމުގައި ޓީޗަރުންނަށް ސަރުކާރުން ދިން ސަމާލުކަމުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ކުރިއާ ހިލާފަށް ހުކުރުދުވަހަކީ ޓީޗަރުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިންކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ޓީޗަރުންގެ އުފެއްދުންތެރިކަން އިތުރުވިކަން ފާހަގަކުރެއްވިއެވެ.
އަދި އޯލެވެލް ނިންމާ ދަރިވަރުން އޭލެވެލްގައި ކުރިއަށްދެވޭނެ މަގުތައް ކަނޑައަޅައި ތިން މަގެއް ތައާރަފުކުރެވިފައިވާކަމަަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް ތައާރަފުކުރެއްވި ސިޔާސަތުތަކުގެ ބޭނުމަކީ ސްކޫލު ނިންމާ ގްރޭޑަކީ 10 ވަނަ ގްރޭޑުގެ ބަދަލުގައި ގްރޭޑު 12 ކަުގައި ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.
"އޭލެވެލް ކިޔަވާ ކުދިން ގިނަ ކުރެވި އެކުދިންނަށް މަތީ ތައުލީމަށް ދާ ފުރުސަތު ލިބި މުޅި ރާއްޖޭގައި ތައުލީމީ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވަނީ. މިއީ ހަގީގީ އިންވެސްޓްމެންޓަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖަނަވަރީން ފެށިގެން ދިރާސީ އަހަރު ފެށުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަންނަ ޖަނަވަރީން ފެށިގެން އެ ވައުދު ފުދިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން އަހަރު މެދު ތެރޭ މެދު ސައިޒުގެ ޗުއްޓީއަކާއި އަހަރުގެ ފަހުކޮޅުގައި ބޮޑު ޗުއްޓީއެއް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ޕްރައިމަރީ ދަރިވަރުން ބައިނަލްއަގުވާމީ އިމްތިހާނެއްގައި މުޅީން އަލަށް ބައިވެރިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އާ ދިރާސީ އަހަރަށް ގިނަ އަދަދެއްގެ ސްކޫލުތައް ނިންމުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ގިނަ ކާމިޔާބުތައް ހާސިލުވާނެ ކަމަށެވެ.
މިހާރު 65 މަޝްރޫއެއް ތައުލީމީ ދާއިރާއިން އަލަށް ފެށިގެންދާއިރު ކުރީ ސަރުކާރުގެ މަޝްރޫއުތަކާއެކު 105 މަޝްރޫއެއް މި ސަރުކާރުން ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.