ENGLISH
18 ނޮވެމްބަރު 2025
ގައުމިއްޔަތު ހިމާޔަތްކުރާނެ ވާރުތަކޮށްދޭނެ ނިޒާމެއް ކުރިން ނެތް، އެ ނިޒާމު މިދަނީ ބިނާކުރަމުން: ރައީސް
17 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު
ދިވެހި ގައުމިއްޔަތާއި ދިވެހިންގެ ޝަހުސިއްޔަތު ދިފާއުކޮށް ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވިފައި ނެތް ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މިހާރު އެ މަސައްކަަތްތައް ކުރެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކުރީގައި ދިވެހިންގެ ބަހާއި ދިވެހިންގެ ދީނަކީ އެކައްޗެއް ކަމުގައިވީ ނަމަވެސް އެއަށް އިންވެސްޓުކޮށް ބަޔަކު އެއާމެދު ފިކުރުކުރާނެ ގޮތް ހަދައި، އެކަންކަން ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދެވޭނެ އެއްވެސް ނިޒާމެއް މީގެ ކުރިން ގާއިމުކޮށްފައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ސަބަބުން މިވާ ގޮތަކީ ބަވަނަވެފައި މިއޮތް ދުނިޔޭގައި އެކިކަހަލަ ގްލޯބަލައިޒްޑް އެފެކްޓްތައް އަންނަނީ އައިސްގެން އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ މަތިން ހަނދާން ނެތެނީ. އަޅުގަނޑުމެންނަކީ ކޮން ބައެއްކަމާއި، މިއީ ކޮން ދީނެއްގެ މަތީ ތިބި ބައެއްކަމާއި، ކޮން މާޒީއެއް އޮތް ބައެއްކަމާއި މިކަންކަން ހަނދާން ނެތެމުންދަނީ. މިތަނުން އަޅުގަނޑުމެންގެ އައިޑެންޓިޓީ ނެތެމުންދަނީ،" ރައީސް ވިދާޅުވިއެވެ.
ގައުމީ ބަތަލުންނަކީ ކޮން ބޭފުޅުންކަން ޒުވާނުުންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭކަން ފާހަގަކުރައްވަަމުން ރައީސް ވިދާޅުވީ އެކަން އެހިސާބަށް ދިޔައީ އެކަމާ އަޅައިނުލެވި އޮތުމުން ކަމަށެެވެ.
ދިވެހިންގެ ސަގާފަތާއި އާދަކާދަތައް އަނބުރާ އިއާދަކުރުމަކީ ސަރުކާރުގެ ސިޔާސަތުކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ތަރިކަ ދިރާސާކުރާ މަރުކަޒާއި ދިވެހި ގައުމިއްޔަތުގެ އިސްވަރު އުފެއްދެވީ އެ މަގުސަދަށްޓަކައި ކަމަށެވެ. އަދި އެ މަސައްކަތްކުރުމުގެ ގޮތުން ދިވެހި ގައުމިއްޔަތުގެ އަސްލު ހޯދުމަށްޓަކައި 50 ރިސާޗަރުން ހޯދައި މާސްޓާސް ސްކޮލާޝިޕު ތައާރަފުކުރައްވާފަައިވާ ކަމަށެވެ.
އޯރަލް ހިސްޓަރީ މަޝްރޫއުގެ މަސައްކަތް ފެށިފައިވާ ކަމަަށާއި، އެ މަޝްރޫއުގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ މާޒީ ލިޔެ ރެކޯޑުކޮށް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށާއި، މިއީ ކުރިން އެކަންކަމާމެދު ވިސްނާފައިވާ ކަންތައްތަކެއް ކަމުގައިނުވި ނަމަވެސް އެއީ ކުރަންޖެހޭ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ތަރައްގީއަކީ އެންމެ ދިމާލަކުން ކުރަންޖެހޭ ކަމެއް ނޫން. އިމާރަތްތަކެއް ނޫން ހަމައެކަނި ތަރައްގީއަކީ. ވަށާޖެހޭ ތަރައްގީއަށްވާނީ އަޅުގަނޑުމެންގެ ފިކުރު ތަރައްގީކޮށްގެން،" ރައީސް ވިދާޅުވިއެވެ.