ENGLISH
18 ނޮވެމްބަރު 2025
ހުރިހާ ގައުމުތަކާއެކު ގުޅުން ގާއިމުކޮށް، ދިވެހިންނަށް އެންމެ ފައިދާވާނެ ގޮތްތައް ދަނީ ހޯދަމުން: ރައީސް
17 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ހުރިހާ ގައުމުތަކާއެކު ގުޅުން ގާއިމުކޮށް އެ ގުޅުންތަކުގެ ތެރެއިން ރާއްޖެއަށް އަދި ދިވެހިންނަށް އެންމެ ބޮޑު މަންފާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށާއި، އެކަމުގައި ގިނަ ކާމިޔާބުތައް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ލިބޭނެ ގޮތަށް ހާރިޖީ ގުޅުންތައް ބައްޓަންކުރުން ކަމަށެވެ.
އެ އުސޫލުގެ މަތީގައި ހުރިހާ ގައުމުތަކާއެކުވެސް ގާތް އެކުވެރި ގުޅުންތަކެއް ގާއިމުކުރެވި، އެ ގުޅުންތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ބޮޑު މަންފާއެއް ހޯދުމަށް ގިނަގުނަ މަސައްކަަތްތައް ސަރުކާރުން ކޮށްފައިވާކަމަށާއި، އެ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތައް އިތުރުކޮށް، އިސްތިރާޖީ ގޮތުން ގުޅުން ބޭއްވުން މުހިއްމު ގައުމުތަކުގައި ރާއްޖޭގެ ސަފާރާތައް ހުޅުވުމުގެ މަސައްކަތް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޤަޠަރާއި ތުރުކީގައި ދިވެހިރާއްޖޭގެ ސަފާރާތައް ހުޅުވިފައިވާކަމަށާއި ސަފާރާތައް ހުޅުވުމުގެ ސަބަބުން އިންވެސްޓުމެންޓުތައް ރާއްޖެއަށް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް މިހާރު ތިބި ސަފީރުން ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި ކުރިން އައްޔަންކުރެވިފައިނުވާ މިންވަރަށް މި ސަރުކާރުން އައްޔަންކޮށް، 27 ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން އެ ގައުމުތަކާ އޮތް ގުޅުން ބަދަހިވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ފައިދާވާ މުހިއްމު ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް މަންދޫބުން ކަނޑައަޅާފަައިވާކަމަށާއި އޭގެ ތެރޭގައި ކުރިން އެއްވެސް މިންވަރަކަށް ކަނޑައެޅިފައި ނެތް ޖަމްއިއްޔާ ޖަމާއަތްތަކަށް މަންދޫބުން ކަނޑައެޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ހާރިޖީ ގުޅުންތަކުގައި އެންމެ ބޮޑު އިސްކަމެއްދެނީ އިސްލާމީ އަރަބި ގައުމުތަކަށް ކަމުގައެވެ. އެންމެ ބޮޑު އިސްކަމެއްދެނީ ސައުދީ އަރަބިއްޔާއާ އޮތް ގުޅުމަށްކަން ފާހަގަކުރައްްވަމުން ރައީސް ވިދާޅުވީ އެ ގުޅުމުގެ ސަބަބުން، މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައިދީ ހައްޖާއި އުމްރާގެ ކަންކަމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ދިވެހި ހައްޖުވެރިންނަށް ލިބިގެންގޮސްފައިވާ ކަމަށެވެ. ރައީސްވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ވަލީ އަހުދަަށް ޝުކުރު އަދާކުރައްވާފަައެވެ.
ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި އެކި ގައުމުތަކާ ކުރެވުނު މަސައްކަތްތައް ރައީސްގެ ތަގުރީރާ ގުޅިގެން ފަހަތުގައި އަޅުވާފަައި ހުރި ސްލައިޑުތަކުން ދިޔައީ ދައްކަމުންނެވެ.