ENGLISH
18 ނޮވެމްބަރު 2025
އެކި ސަރަހައްދުތަކުގައި ވަގުފު އިމާރާތް އަޅައި، ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރަންވަަނީ ފެށިފައި: ރައީސް
17 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ
ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފު އިމާރާތްތައް ބިނާކުރުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިސްލާމްދީނަށް ނަސްރުދީ ދީން ކުރިއެރުވުމަކީ އެމަނިކުފާނުގެ އެންމެ އިސް މަސްއޫލިއްޔަތުކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ މި ފަސްގަނޑުގައި އިސްލާމީ ވަރުގަދަ ޙަޟާރަތެއް ބިނާވެފައި އޮތުންކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ އެންމެ ބޮޑު އަދި އެންމެ މުހިއްމު މަސައްކަަތަަކީ ރައްޔިތުން އެދޭ ގޮތަށް އިސްލާމީ ހިދުމަތްތައް ފުޅާކޮށް އިސްލާމީ ޙަޟާރަތު ވަރުގަދަކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ ދީނީ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތްތައް ބިނާކުރުމުގެ މަޝްރޫއު މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.
މުސްލިމުން މުހިއްމު އަދި އެންމެ ބޮޑު އިސްކަމެއްދޭންޖެހެނީ ކީރިިތި ގުރުއާނަށް ކަމުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހިން ދިރިއުޅޭ ކޮންމެ ފަސްގަނޑެއްގައި ގުރުއާން ކިޔަވައި، އެއާއެކު ވަގުތު ހޭދަކުރާނެ ބިނާތައް ބިނާކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށެއްގެ އާބާދީއާ އެކަށޭނެ ގޮތަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެކި ސަރަހައްދުތަކުގައި ވަގުފު އިމާރާތްތައް ބިނާކުރަނީ އިސްލާމީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ހޯދުމަށް އިންވެސްޓުކުރުމަށް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އިމާރާތްތަކުން ލިބޭ ފައިސާ ބޭނުންކުރާނީ ޒުވާނުން ބިނާކުރުމާއި، ދީނީ އެކިއެކި މަސައްކަތްތައް ފުޅާކުރުމަށް ކަމުގައެވެ.
"ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ބިނާކުރާ މި އިމާރާތްތަކުން ލިބޭ ފައިސާ ބޭނުންކުރާނީ ދީނީ ކަންކަމަށް. އޭގެ އިތުރަށްވެސް އިޖުތިމާއީ ގޮތުން ބޭނުންވާ ކަންކަމަށް އޮންނަ އުސޫލުގެ ތެރެއިން ގައުމަށް ފައިދާވާ ގޮތަށް ހަރަދުކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސްކިތްތައް ސަރުކާރުން ބިނާކުރަނީ އޭސީކޮށް، ކްލާސް ރޫމުތައް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް ކަމަށެވެ. މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން 800 މީހުންގެ ޖާގައަށްވުރެ ބޮޑު ޖާގަހުރި ހުރިހާ މިސްކިތެއް އޭސީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ސަރުކާރުގެ އަމާޒަކީ އަންނަ ރަމަޟާން މަހުގެ ކުރިން އެއިން 5 މިސްކިތެއް އޭސީކޮށް ނިންމުން ކަމަށެވެ.
ކީރިތި ގުރުއާނުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ އަގު ބޮޑު މުބާރާތުގެ ގޮތުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގުރުއާން ކިޔެވުމާއި، ގުރުއާން ތަދުބީރުކުރުމާއި އެ ފޮތަށް އަމަލުކުރުމަށްވުރެ އިސްކަންދޭންޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ.
އެގޮތުން އެ މުބާރާތުން އެންމެ މަތީ ވަނަ ހޯދާ ކުދިންނަށް ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ދެމުންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މިކަންކަމުގެ އިތުރަށް ރައީސްވަަނީ ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދެމުން އައި އިނާޔަތް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް އިތުރުކޮށްދެއްވާފައެވެ.