ENGLISH

17 ނޮވެމްބަރު 2025

Advertisement

ރައީސް ޑރ.މުޢިއްޒު މަސައްކަތްކުރައްވަނީ ދުރު ރާސްތާ ޕްލޭނަކާއެކު: އަބްދުއްރަހީމް

17 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަމުންދަނީ ދުރު ރާސްތާ ތަރައްގީގެ ޕްލޭނަކާ އެކުކަމަށާއި، މިހާރު މަސައްކަތްކުރައްވަނީ އެ ތަރައްގީގެ ޕްލޭނަށް ގާނޫނީ ހައިސިއްޔަތު ހޯދައިދެއްވަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ދުރުރާސްތާ ޕްލޭނެއް ނެތުމުގެ ސަބަބުން ކޮންމެ ވެރިކަމެއްވެސް ފެށުމާއެކު ކުރީގެ ވެރިކަމުގައި ކުރެވިފައި ހުރިހާ މަސައްކަަތްތަކަކީ ގޯސް ކަންތައްތަކެއް ކަމުގައި ނިންމަވައި އެކަންކަން ހުއްޓަވައިލެއްވުމަށްފަހު، އައު މަސައްކަތްތަކެއް ފަށަަނީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އެ ސަބަބަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިފައިވާ ދުރުރާސްތާ ތަރައްގީގެ ޕްލޭނެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ދެކެވަޑައިގެން، އެފަދަ ޕްލޭނެއް އެކުލަވައިލައްވައި އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދެއްވުމުގެ މަސައްކަތް ރައީސް ޑރ.މުޢިއްޒު ފައްޓަވާފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ތަފާތަކީ ކުރީ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކޮށް ހިއްކަން ކަނޑައެޅި ބިންތަައް ހިއްކުން ހުއްޓައިނުލައި އެ މަސައްކަތްތައްވެސް ކުރިއަށްގެންގޮސް ގޯތި ދިނުމަށް މަސައްކަަތްކުރުން ކަމަށެވެ. 

"މިހާރު މިކުރާ މަސައްކަތުގެ ނަތީޖާއަކަށްވާނީ، ތަރައްގީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލާ އެއަށް ގާނޫނީ ބާރުވެރިކަން ދިނީމައި، ވެރިކަން ބަދަލުވިޔަސް އެއަކާ ނުކުޅެވޭނެ. އެއީ އަސްލުގައި މާކުރިން ކޮށްފައި އޮންނަންޖެހޭ ކަމެއް މިއީ. އެހެންނަމަ ރާއްޖެ އޮންނާނީ ތަރައްގީގެ މިހިސާބަކު ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ. 

ސަރުކާރަށް ދެ އަހަރުވުމުގެ މުނާސަބަތުގައި އަބްދުއްރަހީމް ވިދާޅުވީ ފައިސާ ޗާޕުނުކުރައްވައި، ދަރަނި ދައްޖަންޖެހޭ ވާގުތުތަކުގައި ދައްކަމުން ގޮސްފައިވާއިރު، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހުއްޓެމުންނުދާ ކަމަށެވެ. 

އަދި ކުރީ ސަރުކާރުތަކާ މިސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އިގުތިސާދު އޮތް ނިކަމެތި ހާލަތުން ސަލާމަތްކޮށް، ފައިސާ ޗާޕުކުރުމެއް ނެތި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރަމުންދާ ދިއުންކަމަަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަދި ސިޔާސީ މަސްރަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލަށް އަލިއަޅުވައިލައްވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު ސިޔާސީ މަސްރަހުގައި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށާއި، ރާއްޖޭގައި ދުވަހަކުވެސް ނެތް މިންވަރަށް ސިޔާސީ ހަމަޖެހުން ގާއިމުކުރެވިފައިވާ ކަމަށެވެ. 

އެގޮތުން މާލޭގައި ކުރިއާލައި ހުއްދަ ހޯދުމެއް ނެތި އެއްވެ އުޅުމުގެ މިނިވަންކަންވެސް މިހާރު އޮތީ ދެއްވާފަައި ކަމަށެވެ. އަދި ކުރީގެ ރައީސުންވެސް އެ ބޭފުޅުންނަށް ގާނޫނުން ދޭންޖެހޭ ރައްކާތެރިކަން ލިބިވަޑައިގެން ތިއްބަވައި ބޭނުންފުޅު ސިޔާސީ މަސައްކަތެއް ކުރެއްވުމުގެ މިނިވަންކަން ސަރުކާރުން ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރަށް ޝަރުއީ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ރައީސް ޑރ.މުއިއްޒު ގެންނަވަމުންދާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޝަރުއީ ދާއިރާގެ މިނިވަންކަަން ކަށަވަރުކުރެއްވުމަށް މާލީ ގޮތުން ޝަރުއީ ދާއިރާ މިނިވަންކުރެއްވުމާއެކު، އެ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު