ENGLISH
04 ފެބްރުއަރީ 2026
ކާމިޔާބު 104؛ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމުގައި ބޮޑެތި މަސައްކަތްތަކެއް ކުރެވުނު
17 ނޮވެމްބަރު 2025
|
މަސްތުވާތަަކެތީގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފި
އެންމެ މަޤްބޫލު
މަސްތުވާކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލައެވެ. ގިނަ ބަޔަކު އެ ވަބާގައި ޖެހިފައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު 2011 އަދި 2012 ވަނަ އަހަރު ޔޫއެންއޯޑީސީގެ އެހީގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން އޮތް މިންވަރު ދެނެގަތުމަށް ހެދި ދިރާސާއން ދައްކާ ގޮތުގައި ރާއްޖޭގައި އެއިރު މަސްތުވާތަކެތި ބޭނުންކުރާ 7،500 އެއްހައި މީހުން ތިއްބެވެ. މާލޭގެ އާބާދީގެ 6.6 އިންސައްތަ މީހުން އަދި އަތޮޅުތަކުގެ 2 އިންސައްތަ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަމަށް އެ ދިރާސާގައި އަންދާޒާކުރެވުނެވެ.
2021 ވަނަ އަހަރުގައި މިނިސްޓްރީ އޮފް ހެލްތުން ހެދި ސިޗުއޭޝަނަލް އެނަލައިސިސްގެ ނަތީޖާއަށް ބަލާއިރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ އެއަށް ދެވިހިފާފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރައެވެ. ފުލުހުންގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު ފަސް އަހަރުގެ މުއްދަތެއްގައި މަސްތުވާތަކެއްޗާ ގުޅުންހުރި 12،000 ކޭސް އެ ހިދުމަތަށް ހުށަހެޅިފައިވެއެވެ.
މި މައްސަލައިގެ ބޮޑުކަމުގެ މައްޗަށް ބައްލަވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު އެންމެ ބޮޑަށް އިސްކަމެއް ދެއްވި އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމެވެ. މައްސަލައިގެ ދެފަޅި ކަމުގައިވާ ޑިމާންޑާއި ސަޕްލައިއަށް ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް މި ވެރިކަމުގައި ކުރެވިފައިވެއެވެ.
އެގޮތުން ޑިމާންޑަށް ބަލާއިރު ވެރިކަމާ ރައީސް ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާއަށް ހުކުމްކޮށް ފަރުވާނުލިބި ތިބި 700 އަށްވުރެ ގިނަ މީހުން ތިބުމާއެކު، ވެރިކަމުގެ ކުރީ ކޮޅުގައި އޮޕަރޭޝަން ފަރާނުގެ ނަމުގައި ހާއްސަަ އޮޕަރޭޝަނެއް ހިންގައި 700 މީހުން ރިހިބިލިޓޭޝަނަށް ގެންދެވި ފަރުވާ ފުރިހަމަކޮށްފައިވެއެވެ.
އޭގެ އިތުރަށް މާލޭ ސަރަހައްދުގައި ކުށްކުރުމާއި ސަލާންޖެހުމުގައި ޝާމިލުވެގެން އުޅުނު މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ 346 މީހަކު ހޯދައި އެމީހުން އަލަށް ގާއިމުކުރެވުނު ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރަށް ގެންދެވުނެވެ. އަދި އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށައިގަނެވުނެވެ.
އޭގެ އިތުރަށް ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް ރިހެބިލިޓޭޝަން ސެންޓަރ، ޏ. ފުވައްމުލައް، އަދި ގދ. ތިނަދޫ ސެންޓަރުގައި ވެސް ރިމާންޑް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަ ފަރުވާ ފުޅާކުރެވުނެވެ. އަދި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސިޔާސަތު އެކުލަައިލެވި މަސްތުވާތަކެތިން ސަލާމަތްވާން އެދޭ މީހާ ހުރި ކޮންމެ ރަށަކުން ފަރުވާ ފޯރުކޮށްދެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ފަށައި 110 ރަށަކުން ފަރުވާ ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގެ 03 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާގެ އިންތިޒާމު ޤާއިމުކުރުމުގެ ގޮތުން ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
މައްސަލައިގެ ސަޕްލައި ފަޅިއަށް ބަލާއިރު، އެންމެ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ގިނަ މަސައްކަތްތަކެއްވަނީ ފަށާފައެވެ. އެ މަސައްކަތުގައި ނޮވެންބަރު 17 ، 2023 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު 30، 2025 ވަނަ ދުވަހުގެ ނިޔަލަށް 353 ޑްރަގް އޮޕަރޭޝަން ހިންގުނެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ 2،093 ކޭސް ތަހުގީގުކޮށްފައިވެއެވެ.
މިކަމުގެ ނަތީޖާވެސް ވަނީ ފެނިފައެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. އަދި 2025 ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދުވެސް ފާއިތުވި އަހަރަށްވުރެ އެތައް ގުނައެއް އިތުރެވެ.
މި ނޮވެންބަރު މަހުގައި ފުލުހުންވަނީ ޑްރަގު ވިޔަފާރި ހުއްޓުވުމަށް ހާއްސަ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އަލިމަގުގެ ނަމުގައި ފެށި މި އޮޕަރޭޝަނުގެ ދަށުން މަސްތުވާތަކެތި ވިއްކުމުގައި ޝާމިލުވެގެން އުޅުނު 100 އަށްވުރެ ގިނަ މީހުން އަތުލައިގަނެފައިވެއެވެ. މަސްތުވާތަކެތި ވިއުގަތައް އެކީ ނައްތައިލެވެންދެން އެ އޮޕަރޭޝަން ހިންގާނެކަން ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ.
ބައި ގަރުނާ ގާތްކުރާހާ ދުވަސްވީ މި މައްސަލަ ބޮޑުވަމުން ފުޅާވަމުން އައީ ސަރުކާރުތަކުގެ އިހުމާލުންނެވެ. މިއީ އަހަރު ދެ އަހަރުން ހައްލުކުރެވޭ މިންވަރަށްވުރެ މާ ބޮޑު މުޖުތަމައުގެ އެންމެ ފުނަށް ތޮރުފިގަނެފައި އޮތް މައްސަލައެކެވެ. ނަމަވެސް ތަފާސްހިސާބުތަކުން ފެންނަ ހަގީގަތަކީ އެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މިސްރާބު ހުރީ މި މައްސަލަ މުލުން ލުހެލައި، މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމެވެ.