ENGLISH
04 ފެބްރުއަރީ 2026
ވިނަރެސް ޓަވަރުތަކުގެ 94 ޕާކިން ޖާގަ ބީލަމުގެ އުޞޫލުން ވިއްކަނީ
17 ނޮވެމްބަރު 2025
|
ހުޅުމާލޭގެ ވިނަރެސް ޓަވަރުތައް. ޕާކިން ޖާގަތައް ވިއްކަން ވަނީ ހުޅުވާލާފަ
އެންމެ މަޤްބޫލު
ވިނަރެސް ޓަވަރުތަކުގައި ޤާއިމުކޮށްފައިވާ ކާރު ޕާކިން ޖާގަތަކުގެ ތެރެއިން 94 ޖާގަ ބީލަމުގެ އުޞޫލުން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު އާއްމުކުރި އިޢުލާނުގައި ބުނީ އެ ކޯޕަރޭޝަނުން 2024 ނޮވެމްބަރު 25 ވަނަ ދުވަހު، ވިނަރެސް ޓަވަރުތަކުގައި ޤާއިމުކޮށްފައިވާ ކާރު ޕާކިން ޖާގަ ބީލަމުގެ އުޞޫލުން ދޫކުރުމާއި ގުޅޭގޮތުން ކުރި އިޢުލާނު ބާޠިލުކޮށްފައިވާ ކަމަށެވެ.
ޕާކިން ޖާގަތައް މިއަދު ވިއްކަން ހުޅުވާލީ ކުރިން ހުރި އުޞޫލުތައް މުރާޖާކުރުމަށްފަހު ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ބީލަމުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ފޯމާއި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލާނީ ނޮވެމްބަރު 20 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެންނެވެ. ފޯމު ހުށަހެޅުމުގެ ފަހު ތާރީޚަކީ، ޑިސެމްބަރު 4 ވަނަ ދުވަހުގެ 15:30 އެވެ.
އެޗްޑީސީން ބުނީ ފޯމު ދޫކުރާނީ، މަޢުލޫމާތާއި ލިޔެކިޔުންތަކަށް ބަލައި، އޭގެތެރެއިން ހަމައެކަނި ޝަރުތުހަމަވާ މީހުންނަށް އެކަނި ކަމަށެވެ. ބީލަން ފޯމު ދޫކުރަން ހުޅުވާލަނީ ޑިސެމްބަރު 16 އިން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.
ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ ޑިސެމްބަރު 22 ވަނަ ދުވަހެވެ. ބީލަން ހުށަހެޅޭނީ އެދުވަހުގެ 9:00 އިން 12:00 އަށެވެ. ބީލަން ހުޅުވުން އޮންނާނީ އެދުވަހުގެ 13:00 އިން 15:00 އަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ޕާކިން ޖާގަތައް ބީލަމުގެ އުޞޫލުން ވިއްކަން ހުޅުވާލިއިރު، ވިނަރެސް ޓަވަރުތަކުގެ އިމާރާތުގެ ބޭރުން ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކާރު ޕާކިން ޖާގަތައް ފަހުގެ ތާރީޚެއްގައި އިޢުލާނުކުރާނެ ކަމަށް އެޗްޑީސީން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.