ENGLISH

17 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ ލުއި ލޯނާއި ފުލެޓާއި ގޯއްޗާއެކު ވަށާޖެހޭ ބޯހިޔާވަހިކަމުގެ ސިޔާސަތެއް

17 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ތަރައްގީގެ މަޝްރޫއެއްގެ ޕްލޭނުތައް ރައީސް ބައްލަވައިލައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތްއިރު އެމަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދެއްވި އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެއްވުމަށްފަހު، ވެއްޓިފައި އޮތް މާލީ އިގުތިސާދީ އަދަވަޅުން ރާއްޖެ ނެންގެވުމާއެކު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވަން ކަނޑައެޅުއްވީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މައްސަލައަށެވެ. 

އެ މައްސަލަ ހައްލުކުރެއްވުމަށް އެމަނިކުފާނު ކަނޑައެޅުއްވީ ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން ކޮންމެ ދިވެހި އާއިލާއަކަށް ބޯހިޔާވަހިކަމަށް ވާސިލުވެވޭނެ މަގު ކޮށްޓަވައިދެއްވުމެވެ. މާލެއާއި މާލެ ސަރަހައްދުގެ އިތުރަށް އަތޮޅު ތެރޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ހިމެނޭހެން އެންމެނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ލިބުމުގެ ފުރުސަތު ފަހިވާނެ ގޮތަށެވެ. 

އެ އަމާޒަށް ވާސިލުވުމަށް ކަނޑައެޅުނު ފުރަތަމަ ސިޔާސަތަކީ އަލަތު ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކާއި، ގެދޮރު އަޅަން ފެށުމަށްފަހު މާލީ ދަތިތަކާހުރެ އެކަން ހުއްޓިފައިވާ ފަރާތްތަކާއި އަޅާފައި ހުރި ގެދޮރު މަރާމާތުކޮށް އާބާތުރަ ފިލުވަން ބޭނުންވާ މީހުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. އެގޮތުން އިސްލާމީ އުސޫލުތަކުގެ ތެރެއިން 5 އިންސައްތައަށްވުރެ ބޮޑު ނޫން ފައިދާއެއް ނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) މެދުވެރިކޮށް ފައިނޭންސް ދޫކުރާ ލޯނު ސްކީމެއް ތައާރަފުކުރެއްވިއެވެ. 

ހިޔާވަހި ސްކީމުގެ ނަމުގައި ތައާރަފުކުރި މިސްކީމުގެ ދަށުން ކުދި ރަށްތަކަށް ހާއްސަކުރި ރަށްވެހި ލޯނުތަކަށް 1،329 މީހަކު އަދި އާބަން ސެންޓަރުތަކަށް ހާއްސަ ކުރި ސަހަރު ސްކީމަށް 586 މީހަކު އަދި މާލޭ ސަރަހައްދަށް ހާސްކުރި ފުރަމާލެ ސްކީމަށް 341 މީހަކު ފޯމު ހުށަހެޅިއެވެ. 

ރަށްވެހި ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު ސަހަރު ސްކީމުގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް އަދި މާލޭ ސަރަހައްދަށް ކަނޑައެޅި ސްކީމުން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. 

ލޯނު ދޫކުރުމުގެ އިތުރަށް ރާއްޖޭގެ ހުރިހާ ސަރަހައްދެެއްގައި ސަރުކާރުން ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. ކުރިން ހިއްކާފައިވާ ބިންތަކާއި އަލަށް ހިއްކި ބިންތައް ހިމެނޭ ގޮތަށް މި ބިންތަކުގައި ގެދޮރު ބިނާކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުންވަނީ ފަށާފައެވެ. އަތޮޅު ތެރޭގައި 1،200 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. 

އަންނަ އަހަރު މިފަދަ ހިއްކި ބިންތަކުގައި ގާއިމުކުރަންޖެހޭ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަން ނިންމާފައިވާއިރު އެތަންތަނުގައި އަޅާ ހައުސިން ޔުނިޓުތަކުގެ އިތުރުން ކައުންސިލުތަކުން އެކުލަވައިލާ ބިމާ ބެހޭ ޕްލޭންތަކާ އެއްގޮތަށް ގޯތި ދޫކުރުމަށްވަނީ ނިންމާފައެވެ. 

މީގެ އިތުރަށް މާލޭ ސަރަހައްދުން ޖުމްލަ 7،000 ފުލެޓާއި 15،000 ގޯތި ދޫކުރާނެ ގޮތުގެ ސިޔާސަތު އެކުލަވައިލާ ސަރުކާރުން މިހާރުވަނީ އިއުލާނުކޮށްފައެވެ. އާއިލީ ބޯހިޔާވަހިކަމުގެ މި ސިޔާސަތުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކަށް މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓު ލިބިގެންދާނެއެވެ. 

ފާއިތުވި ސަރުކާރުތަކުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ ވައުދުތަކެއް ވެފައި އޮތް ނަމަވެސް ދެ އަހަރު ތިން އަހަރުވީއިރު މަސައްކަތް ނުފެށެއެވެ. އަދި ވަށާޖެހޭ ހަރުދަނާ ސިޔާސަތެއް އެކުލަވައިލެވި ތަންފީޒުކުރަން ފެށިފައި ނެތެވެ. ސަރުކާރަށް ދެ އަހަރު ފުރޭއިރު ބޯހިޔާވަހިކަމުގެ ވަށާޖެހޭ ސިޔާސަތެއް އިއުލާނުކުރެވިފައި އޮތުމަކީ މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ދޭ ސަމާލުކަމާއި އިސްކަމުގެ މައްޗަށް ދަލީލުކުރާ ހެއްކެކެވެ. 

ކިޔުންތެރިންގެ ހިޔާލު