ENGLISH

17 ނޮވެމްބަރު 2025

Advertisement

"ބޯހިޔާވަހިކަން އެންމެންނަށް"؛ މާލޭގެ ރަށްވެހިންނަށް 10،000 ގޯތި ޚާއްޞަކޮށްފި

17 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން. ސަރުކާރުން ވަނީ ގޯތި ދޫކުރާނެ ގޮތުގެ އުޞޫލު އާއްމުކޮށްފަ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދޫކުރުމަށް އިއުލާނުކުރި 15،000 ގޯތީގެ ތެރެއިން 10،000 ގޯތި މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށްފިއެވެ. 

ގެދޮވެރިކަމަށް ޙައްލު ގެނައުމަށް ސަރުކާރުން ފަށާފައިވާ މުހިއްމު ސިޔާސަތުގެ ދަށުން މިހާރު ވަނީ ގޯއްޗާއި ފްލެޓް ދޭނެ އުޞޫލު އާއްމުކޮށްފައެވެ. ބޮޑު މަޝްރޫޢު އިފްތިތާޙްކުރީ ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. 

މާލެ ސަރަޙައްދުން ބިން ދޫކުރުމުގެ މަޝްރޫޢުގެ ދަށުން 15،000 ގޯތި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިފައެވެ. އޭގެތެރެއިން 10،000 ގޯތި ޚާއްޞަކޮށްފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. 

މާލޭގެ ރަށްވެހިންގެ ގޮތުގައި ކަނޑައަޅާފައިވަނީ އުފަންވީއްސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މާލޭގެ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އިތުރުން ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

މާލޭގެ ރަށްވެހިންނަށް ދޫކުރާ 10،000 ގޯތި: 

  • އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 7000 
  • މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 1000
  • ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 2000

ބާކީ 5000 ގޯތީގެ ތެރެއިން 3000 ގޯތި ޚާއްޞަކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށެވެ. އެމީހުންނަށް ގޯއްޗަށް އެދި ހުށަހެޅޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާނަމައެވެ. 

ގޯތި ދޫކުރުމުގައި ޚާއްޞަ ކެޓަގަރީތަކުގެ މީހުންނަށް 2000 ގޯތި ވަނީ ކަނޑައަޅައިފައެވެ. އެއީ، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1500 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯއްޗެވެ.

ގޯތީގެ އިތުރުން މާލެ ސަރަޙައްދުން 7500 ފްލެޓް ދޫކުރުމަށް ނިންމާފައިވާއިރު، 4000 ފްލެޓް ހާއްސަކުރަނީ މާލޭގެ ރަށްވެހިންނަށެވެ. މާލޭގައި ރަށްވެހިވެފައިނުވާ، މާލޭގައި ދިރިއުޅެމުންދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ 1500 ފްލެޓެވެ. ބާކީ 2000 ފްލެޓް ކަނޑައަޅާފައިވަނީ ދައުލަތުގެ މުއައްސަސާތަކަށާއި ފުލުހުންނާއި ސިފައިންގެ އިތުރުން ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށެވެ. 

ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުޞޫލު މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. ސަރުކާރުން ބުނީ އެޕްލިކޭޝަން ހުށަހަޅާނީ ގޯއްޗާއި ފްލެޓުގެ މަޝްރޫޢުގެ ދަށުން ކޮންމެވެސް އެ ކެޓަގަރީއަކަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު