ENGLISH

17 ނޮވެމްބަރު 2025

Advertisement

"ބޯހިޔާވަހިކަން އެންމެންނަށް"؛ އުޞޫލު އާއްމުކޮށް ޖެނުއަރީ 4 އިން ފެށިގެން ކުރިމަތިލެވޭގޮތް ހަދައިފި

17 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު ގެޒެޓުގައި އާއްމުކޮށް އަންނަ އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހުން ފެށިގެން ކުރިމަތިލެވޭގޮތް ހަމަޖައްސައިފިއެވެ. 

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ ޖަނަވަރީ 4 އިން ފެށިގެން މާރިޗު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅަން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. 

ބިން ދޫކުރުމުގެ މަޝްރޫޢުގެ ދަށުން 1250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޯތިތައް ދޫކުރަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. 

މާލޭގެ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާއިރު، އެ ގޯތިތައް ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިފައެވެ. އެއީ އުފަންވީއްސުރެ މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 7000 ގޯއްޗާއި، ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 2000 ގޯތި އަދި މާލެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1000 ގޯއްޗެވެ. 

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗަށް އެދި ހުށަހެޅޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާނަމައެވެ. 

މާލެ ސަރަޙައްދުން 7500 ފްލެޓް ދޫކުރުމަށް ނިންމާފައިވާއިރު، 4000 ފްލެޓް ހާއްސަކުރަނީ މާލޭގެ ރަށްވެހިންނަށެވެ. މާލޭގައި ރަށްވެހިވެފައިނުވާ، މާލޭގައި ދިރިއުޅެމުންދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ 1500 ފްލެޓެވެ. ބާކީ 2000 ފްލެޓް ކަނޑައަޅާފައިވަނީ ދައުލަތުގެ މުއައްސަސާތަކަށާއި ފުލުހުންނާއި ސިފައިންގެ އިތުރުން ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށެވެ. 

އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭ 26 އިދާރާއެއް ވަނީ ހިމަނައިފައެވެ. 

ފްލެޓަށް އެދި ހުށަހެޅުމުގައި ވެސް މާލޭގައި ދިރިއުޅޭތާ 15 އަހަރު ވާންޖެހެއެވެ. އުޞޫލުގައި ވާގޮތުން، މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައިނަމަވެސް މާލޭގައި ދިރިއުޅުނު މުއްދަތު 15 އަހަރުވެފައިވާނަމަ، އުޞޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް މާލޭގައި 15 އަހަރު ދިރުއުޅުނުކަމަށް ބަލާނެއެވެ. 

ޚާއްޞަ ކެޓަގަރީގެ ފްލެޓްތައް ކަނޑައަޅާފައިވާ ގޮތް: 

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން - 100
  •   ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100
  •  އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް - 250
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް - 50
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން - 200
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝިއަރީގެ މުވައްޒަފުން - 100
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް - 100
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް - 50
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓް ލިބިފަ ނުވާ ފަރާތްތައް - 300
  • ޚާއްސަ އެސެސްމަންޓެއްގެ ދަށުން، ބޯހިޔާވަހިކަން ނެތް ފަގީރު އާއިލާތަކަށް ދޭ ބޯހިޔާވަހިކަން - 50
  • ދިވެހިންގެ ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން - 100
  • މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން - 100
  • ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން - 200  

ދިވެހިރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" އިފްތިތާޙްކުރީ ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު