ENGLISH
16 ނޮވެމްބަރު 2025
ޔޫޕީއާރު ވަރކިންގ ގްރޫޕުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް އެޑޮޕްޓް ކޮށްފި
16 ނޮވެމްބަރު 2025
|
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ހަތަރުވަނަ ސައިކަލްގައި ދިވެހި ވަފުދުން ބައިވެރިވަނީ --
ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ހަތަރުވަނަ ސައިކަލްގައި، ޔޫޕީއާރު ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް އިއްޔެ ބޭއްވި ސެޝަންގައި، އެޑޮޕްޓް ކޮށްފި އެވެ.
ޔޫޕީއާރު ވަރކިންގ ގްރޫޕްގެ ރިޕޯޓުގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 104 ޤައުމަކުން، ކުރިއަށް އޮތް ޔޫޕީއާރު ސައިކަލްގައި ދިވެހިރާއްޖެއިން ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ 284 ރެކޮމެންޑޭޝަން ހިމަނާފައިވެ އެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެނީ، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް އަންހެނުންނާއި، ކުޑަކުދިންނާއި މުޖުތަމަޢުގެ އަޅާލުން ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ޔަޤީންކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކެވެ.
މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން ދިވެހިރާއްޖެއިން ތަންފީޒު ކުރަންޖެހޭނީ، ދިވެހިރާއްޖެއިން ޤަބޫލުކުރާ ރެކޮމެންޑޭޝަންތައް ކަމަށްވާތީ، ޤައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން އަންގައި، ހިއުމަން ރައިޓްސް ކައުންސިލްގެ ދެން އޮންނަ ސެޝަންގައި ދިވެހިރާއްޖެއިން ޖަވާބުދާރީވާނެ އެވެ. ދިވެހިރާއްޖެއިން މި ރެކޮމެންޑޭޝަންތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕްގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތްކުރާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.
ޔޫޕީއާރުގެ ހަތަރުވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕްގެ ކޮމިޓީއާއި، ދައުލަތުގެ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށް ވެސް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.