ENGLISH
16 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނުއަޞާސީއަށް ގެންނަ އިޞްލާޙް މަޖިލީހަށް ހުށަހަޅައިފި
16 ނޮވެމްބަރު 2025
|
އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނުއަޞާސީއަށް އިޞްލާޙް ހުށަހެޅުއްވި ބާރަށު ދާއިރާގެ މެންބަރު ޝުޖާޢު. ފޮޓޯ: މަޖިލިސް
އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
އިޞްލާޙް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ.
މެންބަރު ޝުޖާޢު ހުށަހެޅުއްވި އިޞްލާހުގައި ވަނީ އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރުމަށެވެ.
އެ މާއްދާގެ އިތުރުން އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާއާއި އަތޮޅު ކައުންސިލްތައް އިންތިޚާބުކުރަން ވޯޓު ނަގަންޖެހޭ ބަޔާންކުރާ މާއްދާ ވެސް އުނިކުރަން ވަނީ އިޞްލާޙްގައި ހިމަނައިފައެވެ.
ޤާނޫނުއަޞާސީގެ 231 އަށް ގެންނަށް ހުށަހަޅާފައިވާ އިޞްލާޙްގައި ވަނީ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިޚާބުކުރާނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.
އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަންވާނީ އާ އިޞްލާޙްތަކާއެކު ކަމަށް ވެސް އިޞްލާޙްގައި ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ހިމެނޭ ބޭކާރު ފަށަލައެއް ކަމަށެވެ. އެ ފަށަލަ އުނިކުރުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާއި، އޭގެފަހުން ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާއެކު ސީދާގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނުއަޞާސީއަށް އިޞްލާޙް ހުށަހެޅުއްވިއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙް ގެންނަން ވެސް މިއަދު ވަނީ ހުށަހަޅުއްވައިފައެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ އިޞްލާޙްގައި ވާގޮތުން 2000 އިން ދަށުގެ ކޮންމެ އާބާދީއަކަށް އިންތިޚާބުކުރާނީ ތިން ކައުންސިލަރުންނެވެ. ދެހާހުން މަތީގެ އާބާދީތަކަށް އިންތިޚާބުކުރާނީ ފަސް ކައުންސިލަރުންނެވެ.