ENGLISH
18 ނޮވެމްބަރު 2025
މާމިގީލީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
16 ނޮވެމްބަރު 2025
|
އިމިގްރޭޝަންގެ މުވައްޒަފަކު ޕާސްޕޯޓް ދޫކުރަނީ. --ފޮޓޯ:ސަރުކާރު
އދ. މާމިގިލީގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނީ އދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް މިހާރު ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި މަހިބަދޫ ނުވަތަ މާމިގިލި ޚިޔާރުކުރެވޭނެ ކަމަށެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފަ އެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ ވަޢުދު މިހާރުވަނީ ފުއްދަވާފަ އެވެ.
މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާވުމާއެކު، ކުރިން މާލެ ގޮސްގެން އައިޑީ ކާޑާއި ޕާސްޕޯޓް ހައްދަން ކުރި ޚަރަދު މިހާރު ކުރާކަށް ނުޖެހެއެވެ. އޭގެބަދަލުގައި، ރައްޔިތުން އެދުނު ގޮތަށް ރީޖަނަލް އޮފީސްތަކުން މިހާރު އަންނަނީ އެ ޚިދުމަތް ލިބެމުންނެވެ.
މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.