ENGLISH
16 ނޮވެމްބަރު 2025
ރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް މައްސަލަ؛ އެމްޑީޕީއާއި ފައްޔާޒުވެސް ޒިންމާ ނަގަންޖެހޭނެކަމަށް ހުކުމްކޮށްފި
16 ނޮވެމްބަރު 2025
|
އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
މި އަހަރުގެ މާރިޗު މަހުގެ 12 އަދި 13 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގެ މަގުމަތީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކަކީ އެ ބޭފުޅާގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައިވާތީ، އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އެ ވާހަކަތަކަށް ޒިންމާވާންޖެހޭނެކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތަމްސީލުކުރާ ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީން ބޭއްވި އެއްވުމުގައި އެ ޕާޓީގެ އެކްޓިވިސްޓު އަހްމަދު ސަލީމު (މާޒު ސަަލީމް) ދައްކާފަައިވާ ވާހަކަތަކަކީ ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ރައީސްގެ ދަރިކަލުންނަށް ކަށަވަރުކޮށްދީފައިވާ ކަރާމަތާއި ރައްކާތެރިކަން ނިގުޅައިގަންނަ ވާހަކަތަކެއްކަމަށް ފެމިލީ ކޯޓުން މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.
ވަކިވަކިން ހުށަހެޅި ދެ މައްސަލާގައި މިއަދު ފެމިލީ ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ހުކުމުގައި ބުނެފައިވަނީ މާޒް ސަލާމު ދެއްކި ވާހަކަތަކަށާއި، އެ ވާހަކަތަކުން ނުކުތް ނަތީޖާއަށް އެއްވުންތައް އިންތިޒާމުކުރި އެމްޑީޕީއާއި އެ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ޒިންމާ ނަންގަވަންޖެހޭނެ ކަމަށެވެ.
އެގޮތުން ހުކުމުގައި ބުނެފައިވަނީ މާޒް ސަލީމާއި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތައް މަނާކުރުމުގެ ބަދަލުގައި ފައްޔާޒު އެ ވާހަކަތަކަށް ހިތްވަރުދީފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފައްޔާޒާއި މަރިޔަމް ޒުބައިރު އަދި އެމްޑީޕީގެ ކިބައިން ބަދަލު ހޯދުމުގެ ހައްގު ރައީސްގެ ދަރިކަލުންގެ މަންމާފުޅުގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް އޮންނާނެ ކަމުގައިވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.
ކުޑަކުދިންގެ ހައްގުތަކަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާތީ އެ ހައްގުތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުގެ މައްޗަށް އިތުރު އަމުރެއް ނެރެންޖެހޭނެ ކަމުގައި ކޯޓުން ނުދެކޭ ކަމަށާއި، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަމެއް ކުރުމަށް ހުއްދަ ނުލިބޭނެ ކަމަށާއި، އެފަދަ މައްސަލައެއް މުއައްސަސާއަކަށް ހުށަހަޅައިގެން ފިޔަވަޅެއް ނާޅައިފިނަމަ އެކަމެއް ނުބަލަައިފިނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް ރައީސާއި އެމަނިކުފާނުގެ އަނބިކަނބލުން ނިންމަވާފައިވަނީ ބަދަލު ހޯދުމަށް ހުށަނޭޅުމަށް ކަމުގައި ރެހެންދި ޗެމްބާސްގެ އަމުރުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވެސް ބަދަލު ހޯދުމުގެ ހައްގު އޮންނާނެކަމަށް ނިންމި ނަމަވެސް އެ ހައްގު ހޯދުމަށް ރައީސާއި އަނބިކަނބަލުން ހުށަނާޅުއްވާކަން ފާހަގަކޮށް ރެހެންދި ޗެމްބާސްއިން ބުނީ މި މައްސަލަ ހުށަހެޅުއްވީ އެއްވެސް ހާލެއްގައި ބަދަލު ހޯދުމަށް ނޫން ކަމަށާއި، މިއީ ދަރިކަލުންގެ ރައްކާތެރިކން ގެއްލޭ ހިސާބަށް ދިއުމުން ކުރެއްވި ދައުވާއެއް ކަމަށެވެ. އަދި މި ދައުވާކުރެއްވުމުގެ މަގުސަދަކީ ސިޔާސީ ހަނގާކުރުމާއި ހަމަަލާތަކުން ކުޑަކުދިން ރައްކާތެރިކުރުން ކަމށްވެސް އެ ޗެމްބާސްއިން ބުނެފައިވެއެވެ.