ENGLISH

16 ނޮވެމްބަރު 2025

Advertisement

ދިވެހި ތަރިކައިގެ ދާއިރާއިން ހިލޭ ދޭ މާސްޓަރސް ފެންވަރުގެ 40 ސްކޯލަރޝިޕް ހަވާލުކޮށްފި

16 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ދިވެހި ތަރިކައިގެ ދާއިރާއިން ހިލޭ ދޭ މާސްޓަރސް ފެންވަރުގެ ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ލިބުނު 40 މީހަކަށް ސްކޮލަރޝިޕް ލިޔުން މިއަދު ޙަވާލުކޮށްފިއެވެ. 

ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހަށް ހޮވުނު ފަރާތްތަކަށް ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ. 

ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތްތަކާ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއީ، ފުރަތަމަ ފަހަރަށް، ދިވެހި ތަރިކައިގެ ދާއިރާއިން ހިލޭ ދެވޭ މާސްޓަރސް ފެންވަރުގެ 40 ސްކޯލަރޝިޕްކަން ފާހަގަކުރެއްވިއެވެ. 

މިއީ، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ ފުރަތަމަ ޕްރޮގްރާމު ކަމަށްވާތީ، މި ރަސްމިއްޔާތަކީ ވަރަށް ތާރީޚީ ރަސްމިއްޔާތެއްކަން ފާހަގަކުރައްވައި، މިއަދު ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެކަމަނާ ވަނީ ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވާފައެވެ. އަދި މި ލިބުނު ރަނުގެ ފުރުޞަތު ޙަޤީޤަތަކަށް ހެއްދުވުމުގައި ސާބިތުވެ ތިއްބެވުމަށް އެކަމަނާ، އިލްތިމާސް ކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ދިވެހި ތަރިކައިގެ ފުރަތަމަ ސިގްނޭޗަރ ރިސަރޗް ޕްރޮގްރާމު ފެށިގެންދާއިރު، ތަރިކައަކީ ކޮބައިތޯއާއި އޭގެ މާނައަކީ އަދި ބޭނުމަކީ ކޮބައިތޯއާއި، އޭގައި ހިމެނޭ ބާވަތްތަކަކީ ކޮބައިތޯ ސުވާލުކުރުން މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ. ތަރިކައިގެ ދާއިރާގެ ސުވާލުތަކެއް އެކަމަނާ ފާހަގަކުރެއްވީ، އަޅުގަނޑުމެންގެ ހަނދާނުގައި ވެސް ރާއްޖޭގެ އެތައް ތަރިކައެއް ނެތި ގޮސްފާވާތީ ކަމުގައި ވިދާޅުވިއެވެ.

އެ ތަރިކަތައް ނައްތާލެވިފައިވާތީ، ކަންބޮޑުވެ އެ ކަންކަން ހުއްޓުވަން މާ ބޮޑު މަސައްކަތްތަކެއް ރަށުފެންވަރުގައިވެސް އަދި، ޖަމާޢަތުގެ ފެންވަރުގައިވެސް ކުރެވިފައި ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ޒަމާނަށް ބަލާއިރު، ދިވެހީންގެ މާދަރީ ބަހަށް ވެސް، ނޭދެވޭ އަސަރުތަކެއް ފޯރަމުންދާ ކަމަށާއި، ދިވެހި ބަހަށްވުރެ، ބޭރުގެ ބަސްބަހަށް ފަރިތަ، ޖީލެއް އަޅުގަނޑުމެންނަށް ފެންނަމުން އެބަދާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި ތާރީޚާއި ތަރިކަ، މިޖީލުގެ ކުދިންނަށް ދޭހަނުވާ ކަމަށާ އަދި އެކަމުގެ މުހިންމުކަންވެސް އިޙްސާސްވާންވީ ފަރާތްތަކަށް އިޙްސާސްވޭތޯ އެކަމަނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އަޅުގަނޑުމެންގެ ހާލަތު މި ގޮތަށް ބަދަލުވަމުންދާއިރު، ދުނިޔޭގެ އެހެން ޤައުމުތައް ބަދަލުވަނީ މިހެން ނޫންކަމާއި، ކުރިއަރަން މަސައްކަތްކުރާ ހުރިހާ ޤައުމުތަކަކުންވެސް އެބައެއްގެ މާދަރީ ބަހުން ވިސްނުމަށާއި، މާދަރީ ބަހަށް ޢިލްމުތައް ގެންނަން މަސައްކަތްކޮށް، ޖީލުތައް އެ ގޮތަށް ބިނާކުރަން މަސައްކަތްކުރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދާރުލްއާސާރުތައް އިތުރުކޮށް ޒަމާނީ ފަންނިއްޔާތުގެ އާ ގޮތްތައް ބޭނުންކޮށްގެން އެ ޤައުމެއްގެ އަންޒަމާނުން ފެށިގެން މާޒީ، ޖީލުންޖީލަށް ރައްދުކޮށްދޭ ކަމުގައިވެސް އެކަމަނާ ވިދާޅުއިއެވެ.

ކޮންމެ ބަޔަކުވެސް ކުރިއަރަން މަސައްކަތްކުރާއިރު، އެބައެއްގެ އަސްލުތައް ކަށަވަރުކޮށް ދަމަހައްޓާކަމަށާ، މާދަރީ ބަހާއި، ދީނާއި، ސަގާފަތާ، އާދަކާދަޔާއި، ތާރީޚާއި ތަރިކަތަކަށް ޢިލްމީ ލެންސްތަކުން ބަލައި، އެ ޤައުމެއްގެ މުސްތަޤުބަލުގެ ބިންގާ، މި އަސާސްތަކުގެ މަތީގައި އިމާރާތް ކުރާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ޤައުމީ އަސްލުތަކުގެ ޙާލަތަށް ބަލާއިރު، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަކަމަށާއި، އެގޮތުން ދިވެހިބަސް ވަނީ، އާ ޖީލުގެ ހިތްތަކާއި ދޫތަކަށް އަލުން ގެންނަން ޖެހިފައިކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމަ މިފަދައިން، މާތްވެގެންވާ އިސްލާމްދީން، ދިވެހީންނަށް ދިން ތަރުބިއްޔަތުގައި، ދަސްވެފައި ހުރި މާތް ރީތި އަޚްލާޤު އަލުން ހޯދަން ޖެހިފައިވާކަމަށާ، ދިވެހި މަސައްކަތްތެރިކަމާއި ހުނަރާއި ހަރުދަނާ ގޮތްތައް، އަދުގެ ޖީލުގެ މިސްރާބުކަމުގައި، ދައްކައިދޭން ޖެހިފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތްތަކާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެ ބޭފުޅުންނަކީ، ދިވެހި ޤައުމުގެ މާނަވީ އަދި މާއްދީ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލައި، ވަޒަންކުރުމުގެ ޤާބިލުކަން އަށަގަންނަވައިދޭ ފުރަތަމަ ގެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު