ENGLISH
16 ނޮވެމްބަރު 2025
ހިޔާ އަދި ވިނަރެސް ފުލެޓުވެރިން ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ރައީސް އެދިވަޑައިގެންފި
16 ނޮވެމްބަރު 2025
|
ހިޔާ އަދި ވިނަރެސް ލޯނުތަކަަށް ލުއި ގޮތްތަކެއް ހަމަޖައްސަން ރައީސް އެދިވަޑައިގެންފައިވޭ
ވިނަަރެސް ފުލެޓުތައް ގަތުމަށާއި ހިޔާ ފުލެޓުތަކުގެ ފިނިޝިން މަސައްކަތްކުރުމަށް ފުލެޓު ލިބުނު މީހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފުލެޓުތައް ނިންމުމަށް އެކި ފަރާތްތަކަށް 535 ލޯނު ބީއެމްއެލްއިން ދޫކޮށްފައިވާ ކަމަށެވެ. އަދި ވިނަރެސް ފުލެޓު ގަތުމަށް 26 ލޯނު ބީއެމްއެލްއިން ދޫކޮށްފައިވާ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި ލޯނުތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަކާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކެއް ކަމެވެ. އަދި މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރާ މެދު މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ބީއެމްއެލްގައި އެމަނިކުފާނު އެދިވަޑައިގެންނެވި ކަންކަމުގެ ތަފުސީލުވެސް ރައީސްވަނީ އެކްސް ޕޯސްޓުގައި ހިއްސާކުރައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ހިޔާ ފުލެޓުގެ ފިނިޝިން ލޯނުތަކުގެ އިންޓަރެސްޓު ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިދާ ނުވަތަ އިންޓަރެސްޓު ރޭޓު 12 އިންސައްތައިން 10 އިންސައްތައަށް ކުޑަކުރުމެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހިޔާ ފުލެޓު ނިންމަން ނެގި ލޯނުތައް އަދާނުކުރެވި ޑިފޯލްޓުވެފައިވާ މީހުންނަށް ރެގުއިލަރައިޒްކުރެވި ޕޭމެންޓު ޕްލޭނެއްގެ ދަށުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭންކުގައި އެދިވަޑައިގަތް ކަމެވެ.
އޭގެ އިތުރަށް ވިނަރެސް ފުލެޓު ގަތުމަށް ދޫކުރި ލޯނުތަކުގެ ފައިދާ ނުވަތަ އިންޓަރެސްޓު ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ 9 އިންސައްތައިގެ ބަދަލުގައި 8 އިންސައްތަ ކަނޑައެޅުމަށްވެސް އެދިވަޑައިގެންފައިވާކަމަަށް ރައީސް ވިދާޅުވިއެވެ.
މިކަންކަން ކުރެވިދާނެ ކަމުގައި ބޭންކު އޮފް މޯލްޑިވްސްއިން މައުލޫމާތު ދީފައިވާތީ ބޭންކުގެ އުސޫލުތަކުގެ ތެރެއިން މިކަންކަން ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.