ENGLISH

16 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ އުފެއްދި ބޮޑު ދަރަނި އަދާކޮށް މާލީ ހާލަތާމެދު އިތުބާރު ގާއިމުކޮށްފި

16 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ މައްޗަށް ހިޔަނި އަޅަމުންއައި ބަނަ ވިލާގަނޑަކީ ދައުލަތަށް ނުއުފުލޭ މިންވަރަށް ބަރުވެފައި އޮތް ދަރަނީގެ ބުރައެވެ. ދައުލަތުގެ ޖުމްލަ ދަރަނި 124.8 ބިލިއަން ރުފިޔާއަށްވުރެ މަތިވެ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އޮތީ 116.5 އިންސައްތައަށް އަރާފައެވެ. 

2023 ވަަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ނެރުނު އެ އަހަރުގެ ސްޓާފް ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ ދަރަނި އަދާކުރެވިދާނެ ކަމާމެދު ޝައްކު އުފެދޭ ހާލަތެއް އޮތީ މެދުވެރިވެފައެވެ. އެ އަހަރު ފިޗްއިން ނެރުނު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ ރިޒަވް 28.8 އިންސައްތަ ދަށަށްދިއިރު ދަރަނިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 

އައިއެމްއެފްއާއި، ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ދެ އެޖެންސީކަމަަށްވާ ފިޗްއާއި މޫޑީސްއިން 2023 ވަަނަ އަހަރު ޝާއިއުކުރި ހުރިހާ ރިޕޯޓެއްގައި ފާހަގަކުރަމުންއައީ ރާއްޖެ އޮތީ ދަރަނި އަދާނުކުރެވިދާނެ ހާލަތެއްގައި ނުވަތަ ޑެޓް ޑިސްޓްރެސްގައި ކަމެވެ. ރިޒާވްގައި ފައިސާ ނެތުމާއި ބަޖެޓުގެ ޑެފިސިޓު ބޮޑުވުމާއި ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރަންޖެހޭ މުހުލަތުތައް ކައިރިވެ ކުޑަތަަންވަމުންއައިއިރު އެކަށީގެންވާ ގޮތަކަށް ދަރަނި މެނޭޖުކުރެވޭނެ ނިޒާމުތަކެއް ތަރުތީބުވެފައި ނެތްކަމެވެ. 

މިދެންނެވި ހާލަތު ރަނގަޅުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުއްޓެވެ. އެކުވެރި ދައުލަތްތަކުން ނަގާފައިވާ ދަރަންޏާއި، އަމިއްލަ އިންވެސްޓަރުން މެދުވެރިކޮށް ނެގި ދަރަނި ރީފައިނޭންސްކުރެވެން ނެތުމެވެ. ނެގި ދަރަންޏާ އެއް މިންވަރަށް އިގުތިސާދަށް މަންފާވާނެ މަސައްކަތްތަކެއް ކުރެވިފައި ނެތުމެވެ. 

މިހުރިހާ ގޮންޖެހުންތަކާއެކު، ރައީސް ޑރ.މުޢިއްޒުގެ ވެރިކަމަށް ދެ އަހަރުވާންދާއިރު ދަރަނި އަދާނުކުރެވުމުގެ މައްސަލައެއް ކުރިމަތިވެފައި ނެތެވެ. 2024 ވަނަ އަހަރު ދަރަނި އަދާކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށް، އެ އަހަރު އަދާކުރަންޖެހުނު ދަރަނި އަދާކުރަންޖެހޭ މުހުލަތުތަކުގައި ބަރާބަރަށް އަދާކުރިއެވެ. 

2025 ވަނަ އަހަރަކީ ދަރަނި އަދާކުރުމަށް ބޮޑު ހަރަދެއް ކުރަންޖެހޭ އަހަރެކެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އިންޓަރެސްޓާއި ފައިނޭންސިން ހަރަދުތަކަށް ހޭދަވި އަދަދާއެކު ދަރަންޏާ ގުޅުންހުރި ހަރަދުތަކަށް ޖުމްލަ 8.3 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މި އަހަރުވެސް ދަރަނި އަދާކުރަންޖެހޭ މުހުލަތުގައި އެ ކަނޑައެޅިފައިވާ އަދަދުތައް ދައުލަތުން އައީ އަދާކުރަމުންނެވެ. 

އަންނަ އަހަރުގައި އެއް ބިލިއަން ޑޮލަރު ދަރަނި ދެއްކުމަށް ހަރަދުވާ ގޮތަށް ކުރިން އޮތް ނަމަވެސް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަންނަ އަހަރު ދައްކަންޖެހޭ ދަރަނި 600 މިލިއަން ޑޮލަރަށް ކުޑަކުރެވުނެވެ. އެއީ 400 މިލިއަން ޑޮލަރުގެ ލުޔެކެވެ. އެ ލުއި ހޯދުނީ އަވައްޓެރި އިންޑިޔާއާއި އެކުވެރި ޗައިނާއާއެކު ކުރެވުނު މަސައްކަތްތަކުން އެ ދެ ގައުމުން ރާއްޖެއަށް ދީފައިވާ ބައެއް ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހުމުންނެވެ. 

ވެރިކަމާ ރައީސް ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި އަދާކުރެވިދާނެކަމާމެދު އުފެދިފައި އޮތް ސުވާލުތަކަށް އެމަނިކުފާނުގެ މަސައްކަތްޕުޅުން ސާފު ޖަވާބެެއް ދެއްވައިފިއެވެ. ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އަދާކުރަމުންދާނެއެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރަމުން ތަރައްގީގެ މަޝްރޫއުތައް ދެކޮޅުޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ ކަމެވެ. 

މި ޔަގީންކަމާއެކު ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށާއި، ދަރަނި އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ޖާގަ މިހާރު މިވަނީ ފަހިވެފައެވެ. މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު މިހާރު ސަރުކާރަށް މިވަނީ އިއާދަކުރެވިފައެވެ. 

ކިޔުންތެރިންގެ ހިޔާލު