ENGLISH

16 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ ސިއްހީ ދާއިރާއިން އިންގިލާބީ މަސައްކަތްތަކެއް ކުރެވުނު

16 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ހޮސްޕިޓަލެއްގެ ވަސީލަތްތައް ބައްލަވައިލައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ދާއިރާތައް އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަމަވެސް އެއް ދާއިރާއަކަށް އެންމެ ބޮޑު ހީނަރުކަމެއް އަދި ބަލިކަށިކަމެއް ކުރިމަތިވި ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވުނު ދާއިރާއަކީ ސިއްހީ ދާއިރާއެވެ. 

ސިއްހީ ހިދުމަތަށް ބޭނުންވާ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ނުކުރެވުމުގެ ސަބަބުން އަތޮޅުތެރޭގެ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކުގައި އެކަށީގެންވާ އަދަދަށް ޑޮކްޓަރުންނާއި ނަރުހުން ނެތެވެ. ސަރަހައްދީ ހޮސްޕިޓާތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރާނެ ކަމުގެ އުފާވެރި ހުވަފެނުގައި ފަސް އަހަރު ތިބުމަށްފަހު ހޭލިއިރު އެއިން ހޮސްޕިޓަލެއްގައި ޓާޝަރީ ފެންވަރުގެ ހިދުމަތަަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުން ނެތެވެ. 

އޭގެ އިތުރަށް ރާއްޖޭގެ ގިނަ ސިއްހީ މަރުކަޒުތަކުގައި ލެބޯޓަރީ ހިދުމަތް އެއްވެސް މިންވަރަކަށް ނުލިބެއެވެ. ރާއްޖޭގައި އެންމެ ގިނަ އެއް ބަލިކަމުގައިވާ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ނުހަނު ބޭނުންވާ ޑައިލަސިސްގެ ހިދުމަތް ގިނަ އަތޮޅުތަކުން ނުލިބެއެވެ.

ފާއިތުވި ދެ އަހަރު މި ހާލަތު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް މީގެ ކުރިން ކުރެވިފައިނުވާ މިންވަރަށް މަސައްކަތްކުރެވި 1000 އަށްވުރެ ގިނަ ހެލްތު ޕްރޮފޮޝެނަލުން ވަޒީފާއަށް ނެރުވުނެވެ. އޭގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުންނާއި އެހެނިހެން ފަންނީ މަސައްކަތްތެރިން ހިމެނެއެވެ. 

އޭގެ އިތުރަށް ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދެއްގެ ސިއްހީ ބިނާރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ފެށުނީ ފާއިތުވި ދެ އަހަރުއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ މަރުކަޒުތައް ފުޅާކުރުމާއި، ރަށްރަށުގައި އައު ހޮސްޕިޓާތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

އޭގެ އިތުރަށް ސަރަހައްދީ ހޮސްޕިޓާތަކުން ޓާޝަރީ ފެންވަރުގެ ހިދުމަތް ދިނުމަށްޓަކައި އިތުރު ސްޕެޝިއަލިޓީތައް އެތަންތަނުގައި އަންނަނީ ތައާރަފުކުރެވެމުންނެވެ. އަދި އެ ހޮސްޕިޓާތަކަަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އަންނަނީ ފުރިހަމަކުރެވެމުންނެވެ. 

ފުވައްމުލަކު ހޮސްޕިޓަލުގައި ސީސީޓީ ސްކޭނަރު ބަހައްޓައިފިއެވެ. އުނގޫފާރުގައި އެމްއާރްއައި ހިދުމަތްވަނީ ފެށިފައެވެ. އަދި ކުރިން ޑައިލަސިސް ހިދުމަތް ނުލިބޭ ގިނަ ހޮސްޕިޓާތަކަކުން މިހާރު ޑައިލަސިސް ހިދުމަތް އަންނަނީ ލިބެމުންނެވެ. ވަރަށް ގިނަ ރަށްރަށަށް ކުޑަކުދިން ޑޮކްޓަރުންނައި ފިޒިއޯ ތެރަޕިސްޓުން ލުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. 

ރައީސްގެ ސިޔާސަތާއެކު ފެށިފައިވާ ގިނަ މަސައްކަތްތަކުގެ ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 8،819،618،138 (އަށްބިލިއަން އަށްސަތޭކަ ނަވާރަ މިލިއަން ހަލައްކަ އަށާރަހާސް ސަތޭކަ ތިރީސްއަށް) ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. 

އެ ފައިސާގެ ތެރެއިން ބޭސްފަރުވާއަށް ހަރަދުކުރުމަށް 894 މިލިއަން ރުފިޔާ އަދި ސިއްހީ އާލާތްތަކަށް 206.8 މިލިއަން ރުފިޔާ އަދި ތެރަޕިއުޓިކް އެޕްލައިންސްއާއި އިކުއިޕްމެންޓަށް 53 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ އިތުރަށް އައުޓްޕޭޝަންޓު ހިދުމަތްތަކަށް 2.03 ބިލިއަން ރުިޔާ ހިމަނާފައިވެއެވެ. 

ހޮސްޕިޓަލުތަކުގެ ހިދުމަތްތަކަށް 5.1 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު އެއިން 4.4 ބިލިއަން ރުފިޔާއަކީ ހޮސްޕިޓަލުގެ އާއްމު ހިދުމަތްތަކަށް ހާއްސަކުރި ފައިސާއެވެ. އަދި ހޮސްޕިޓަލުތަކުގެ ހާއްސަ ހިދުމަތްތަކށް 668 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެއެވެ. 

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ހާއްސަކޮށްފައިވާ ނުވަ ބިލިއަނެއްހައި ރުފިޔާގެ ތެރެއިން ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވަނީ 917.7 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރު ޕީއެސްއައިޕީ ބަޖެޓުން ސިއްހީ ދާއިރާއަށް ހާއްސަކުރީ 466.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ސިއްހީ ދާއިރާއަށް ކަނޑައެޅި ޕީއެސްއައިޕީ ބަޖެޓުވަނީ 96.6 އިންސައްތައިން އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު