ENGLISH

16 ނޮވެމްބަރު 2025

Advertisement

ދަރަނި އަދާކުރަން ދަތިވަނީ ދަރަންޏާ އެއްވަރުގެ އިގުތިސާދީ މަންފާ ނެރެވޭނެ މަޝްރޫއުތައް ހިންގިފައި ނެތުމުން: އަޒާން

16 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ނަގާފައިވާ ދަރަނި އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވަނީ މިހާތަނަށް ސަރުކާރުތަކުން ދަރަންޏަށް ނެގި ފައިސާ ބޭނުންކޮށްގެން އެ ދަރަންޏާ އެއް މިންވަރުގެ އިގުތިސާދީ މަންފާ ނެރެވޭނެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައި ނެތުމުންކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. 

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން މިއަދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަފުޅުގައި އަޒާން ފާހަގަކުރެއްވީ އަަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ވިސްނަންވީ ބައެއް ކަންކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް އައު ފިޔަވަޅުތަކެއް ހިމަނާފައިނުވާއިރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ބޮޑު ބަޔަކީ ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީން ލިބޭ އާމްދަނީކަން ފާހަގަކުރައްވައި ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތައް ފިޔަވައި އެހެން ގައުމުތަކުން ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން އަޒާން ފާހަގަކުރެއްވިއެވެ. 

އަދި އިގުތިސާދު ސިންދަފާތުކުރުމުގެ މަސައްކަތް ރާވައިގެން ކުރިއަށްގެންގޮސް ފަތުރުވެރިކަމަށް އެކަނި ދިވެހި އިގުތިސާދު ބަރޯސާވެފައިވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަޒާން ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިމަނާފައިވުމުގެ ސަބަބުން މުސާރައިގެ ހަރަދު ވަރަށް ބޮޑަށް އިތުރުވާނެއެވެ. އެކަމާމެދު ފުންކޮށް ވިސްނައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ފައިހަމަވާނެ ގޮތުގައި އީޖާދީ ހައްލުތަކެއް ހޯދައިގެން އެފިޝިއަންސީ އިތުރުކޮށް މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރެވިދާނެ ކަމުގައި އަޒާން ވިދާޅުވިއެވެ. 

އަދި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން އިންފްލޭޝަން މަތިވުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރައްވައި، އިންފްލޭޝަން ކޮންޓްރޯލުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމެއްކަމަށް އަޒާން ވިދާޅުވިއެވެ. އޭނާ އެދިވަޑައިގަތީ އެކަންކަމުން އަރައިގަތުމަށް ކުރިއާލައި މަސައްކަތްތައް ތަރުތީބުކޮށް ރޭވުމަށެވެ. 

ރާއްޖޭގައި ސަބްސިޑީ ދެނީ ބްލޭންކެޓުކޮށް ކަމަށާއި، އެކަމުގެ މަންފާ އެންމެ ގިނައިން ލިބެނީ ރާއްޖޭގައި އުޅޭ ބިދޭސީންނާއި ފަތުރުވެރިންނަށް ކަމުގައި ފާހަގަކުރައްވައި އަޒާން ވިދާޅުވީ ސަބްސިޑީއާއި އާސަންދައާއި އިސްރަށްވެހިންގެ ޕެންޝަން ޓާގެޓް އެހީއަށް ބަދަލުކުރަންޖެހޭ ކަމަށް މާލީ އިދާރާތަކުން ފާހަގަކުރާ ކަމަށެވެ. 

މެންބަރުގެ ވާހަކަފުޅުގައި ދެން ފާހަގަކުރެއްވީ އަންނަ އަހަރަކީ ސަރުކާރުން އެންމެ ގިނައިން ދަރަނި އަދާކުރާ އަހަރުކަމަށާއި، ދަރަނި އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅެނީ ކުރިން ނެގި ދަރަންޏާ އެއްވަރުގެ އިގުތިސާދީ ނަފާ ނެރެވޭނެ މިންވަރުގެ މަސައްކަތްތަކެއް ކުރެވިފައި ނެތުމުން ކަމަށް ވިދާޅުވެ އަޒާން ފާހަގަކުރެއްވީ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމެވެ. 

"މާލީ ވުޒާރއިން ވިދާޅުވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ ސަރުކާރުން ދޭ ހިދުމަތްތައް މެދުނުކެނޑި ސަރުކާރުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަށް ބަޖެޓުން ޖާގަ ތަނަވަސްކޮށް، މެކްފޯ ފިސްކަލް ސްޓެބިލިޓީ ކަށަވަރުން ކަމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި ބަޖެޓުގެ މި އަމާޒު ހާސިލުކުރެވޭނެ،" އަޒާން ވިދާޅުވިއެވެ. 

އަޒާން އިތުރަށް ވިދާޅުވީ ބަޖެޓު ތަންފީޒުކުރަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށްކަން ކަށަވަރުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުން އެކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު