ENGLISH

15 ނޮވެމްބަރު 2025

Advertisement

ރައީސަށް ޝުކުރު ދެންނެވުމާައެކު މަހުލޫފު ވިދާޅުވީ އެނބުރި ވަޑައިގަަތީ އަސްލު ފިކުރަށް ކަމަށް

15 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޕީއެންސީއާ ގުޅިވަޑައިގެން މަހުލޫފުގެ ފޯމު ރައީސް ޑރ.މުޢިއްޒާ ހަވާލުކުރުން، ފޮޓޯ: ޕީއެންސީ

އޭނާ ޕީއެންސީއާ ގުޅިވަޑައިގަތުމަކީ އަސްލު ފިކުރަށް އަނބުރާ ރުޖޫއަވެވަޑައިގަތުންކަމަށް ސިފަކުރައްވައި އެ ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޝުކުރު އަދާކުރައްވައިފިއެވެ. 

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހީންގެ ރާއްޖެ" ބޮޑު ޖަލްސާގައި ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ އޭނާ ހުންނެވި އެމްޑީޕީން ވަކިވެވަޑައިގަތުމަކީ މިހާތަނަށް އޭނާ އަމިއްލަފުޅަށް ޕާޓީއަކުން ވަކިވެވަޑައިގަތުމަށް ނިންމެވި ފުރަތަމަ ނިންމެވުން ކަމަށެވެ. 

ރޭ އޭނާ އެނބުރި ވަޑައިގަތީ އަސްލު ފިކުރަށްކަން ފާހަގަކުރައްވައި އަމިއްލަފުޅު ސިޔާސީ ތާރީހު ވިދާޅުވެދެއްވަމުން މަހުލޫފު ފާހަގަކުރެއްވީ އޭނާ ސިޔާސީ މަސައްކަތްފެއްޓެވީ ރައީސް މައުމޫނުގެ އަރިހުގައި އެމަނިކުފާނު އުފެއްދެވި ޑީއާރްޕީން 2005 ވަނަ އަހަރު ކަމެވެ. 

އަދި އެ ޕާޓީގެ ތެރޭގައި އުފެދުނު ދެބަސްވުންތަކުގެ ތެރެއިން އޭނާއާމެދު ހަރުކަށި ފިޔަވަޅުއަޅައި ޑީއާރްޕީން ވަކިކުރުމުން ރައީސް މައުމޫނުގެ އަރިހުގައި ޕީޕީއެމް އުފެއްދެވި އެއް ފައުންޑަރަކީ އޭނާކަން ފާހަގަކުރައްވަމުން މަހުލޫފު ވިދާޅުވީ، އެ ޕާޓީގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އޭނާ އެ ޕާޓީން ވަކިކުރި ކަމަށެވެ. 

ރައީސް ޔާމީނުގެ ދައުރުގައި އެއިރުގެ އިދިކޮޅު އިއްތިހާދާއެކު ހަތަރު އަހަރު މަސައްކަތްކުރެއްވުމަށްފަހު، 2018 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގަތްކަމަށާއި، އެ ޕާޓީގެ މެންބަރުންގެ ލޯތްބާއި ތާއީދު ވަރަށް ބޮޑަށް ލިބިވަޑައިގަތްކަމަށް މަހުލޫފު ވިދާޅުވިއެވެ. 

ނަމަވެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އޭނާއަށް ވާދަނުކުރެއްްވޭ ގޮތް ހެދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވިކަމަށާއި، އެ ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަަކޮށްލަން ފުރުސަތު ލިބިވަޑައިގެންނެވި ކަމުގައި މަހުލޫފު ވިދާޅުވިއެވެ. އެ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ އެންމެ ބޮޑު ތާއީދަކާއެކު ގައުމީ މަޖިލީހަށް ހޮވިވަޑައިގަތީ އޭނާކަން މަހުލޫފު ފާހަގަކުރެއްވިއެވެ. 

އާއްމު މެންބަރުންގެ ފަރާތުން އޭނާއަށް ކިތަންމެ ބޮޑު ތަރުހީބެއް ލިބިވަޑައިގަތް ނަމަވެސް، މަތީ ފަނޑީގައި ކަންކަަން ހިނގަމުންދިޔައީ އެހެން ނޫން ކަމަށާއި، އޭނާ އެމްޑީޕީން ވަކިވެވަޑައިގަތުމުން ވަރަށް ބޮޑަށް އުފާވާނެ ބަޔަކު އެމްޑީޕީގެ އެންމެ މަތީ ފަނޑިީގައި ތިބޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ. 

މަހުލޫފު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އޭނާ އުޅުއްވަމުންއައީ ސިޔާސީ މަސައްކަތާ ވަރަށް ދުރުގައެވެ. އެއީ އޭނާއާމެދު ކަންކަން ކުރެވުނު ގޮތުގެ ސަބަބުން ސިޔާސީ މަސައްކަތާމެދު ފޫހިފުޅުވެގެން ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ. 

" 2006 އިން 2018 އަށް އަޅުގަނޑު އަދާކުރީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލީހުގެ މެންބަރުކަމެވެ. ފުރަތަމަ ދައުރު 51% އިން އަދި ދެވަނަ ދައުރަށް 67% އިން އިންތިހާބުކޮށްދިން. ނިމިދިޔަ ސަރުކާރުގަ މަގާމެއް ހައްގުވާނަމަ އެންމެފުރަތަމަ ގުނާ އެކަކަށް ވާނެއެވެ. އެއީ ތަބަކަށް ލާފަދިން މަގާމެއްނޫން،" މަހުލޫފު ވިދާޅުވިއެވެ. 

އޭނާ އަނބުރާ ޕީއެންސީ ފިކުރަށް ރުޖޫއުވުމަށް އެކިފަހަރު މަތިން ރައީސް ދައުވަތު ދެއްވިކަމަށާއި، އެނބުރި ޕާޓީއަށް ވަޑައިގަތުމުން ވިދާޅުވީ ހޫނު މަރުހަބާއެއްކަން ފާހަގަކުރައްވައި މަހުލޫފުވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އޭނާގެ މަސައްކަތް ބަލައިގަންނަވައި އަގުވަޒަންކޮށްދެއްވީތީ އުފާކުރައްވާ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ. އަދި ރާއްޖެގެ ސިޔާސީ ތާރީހުގައި ބޭއްވި އެންމެ ބޮޑު އެއްވުމުގައި ޕީއެންސީއަށް ސޮއިކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އިތުރު އުފަލެއް ލިބުނު ކަމެއް ކމުގައި އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު