ENGLISH
15 ނޮވެމްބަރު 2025
ކާމިޔާބު 104؛ ދުންފަތާ ދެކޮޅަށް ދުނިޔޭގެ ތާރީފު ލިބުނު މަސައްކަތްތަކެއް ކުރެވުނު
15 ނޮވެމްބަރު 2025
|
ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކުރެއްވުމުގެ ހަފުލާގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ހެދިފައިވާ ދިރާސާތައް ދައްކާ ގޮތުން ރާއްޖޭގައި ބަލިތަކުގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ގައިން ގައަށް ނާރާ އެކި ބަލިތަކުގައެވެ. 2021 ވަނަ އަހަރު ޑަބްލިއުއެޗްއޯގެ އެހީއާއެކު ހެދި ސްޓެޕް ސާވޭއިން ދައްކާ ގޮތުގައި ގައިންގައަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ.
ރާއްޖޭގެ އާބާދީއަށް ބަލާއިރު, 2021 ވަނަ އަހަރުގެ ސާވޭއިން ދައްކާ ގޮތުގައި އުމުރުން 15 އަހަރުން މަތީ މީހުންގެ އާބާދީގެ 27.3 އިންސައްތަ މީހުންނަކީ ދުންފަތުގެ އެކި ބާވަތްތައް އިސްތިއުމާލުކުރާ އެއަށް ދެވިހިފާފައިވާ މީހުންނެވެ. އަދި އެ އަހަރު ރާއްޖޭގައި މަރުވި މީހުންގެ 12.8 އިންސައްތަ މީހުންނަކީ ދުންފަތާ ގުޅުންހުރި ބަލިތަކުގައި މަރުވި މީހުންކަމަށް ލަފާކުރެވިފައިވެއެވެ.
ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭއިން ދައްކާ ގޮތުގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 45 އިންސައްތަ ކުދިންނަކީ ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އުފެއްދުމެއް ބޭނުންކުރާ ކުދިންނެވެ. އެ އުމުރުގެ ކުދިންގެ މެދުގައި އެންމެ މަގުބޫލީ ވޭޕް ނުވަތަ އީ ސިގިރެޓުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ އެތައް އަހަރެއް ކުރީއްސުރެ ކަން އޮތް ގޮތުގެ ތަސްވީރެއް ކުރަހައިދޭ ތަފާސްހިސާބުތަކެވެ. މި މައްސަލައިގެ ބޮޑުކަމާއި ނުރައްކާތެރިކަން ހުރިހާ ސަރުކާރުތަކަށްވެސް އެނގެއެވެ. ހާއްސަކޮށް ވޭޕުގެ ނުރައްކާތެރިކަމުގެ ވާހަކަ ޑޮކްޓަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ދިޔައީ ފާހަގަކުރަމުންނެވެ.
ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި މި މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފއިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ދުންފަތާ ބެހޭ ގާނޫނު އިސްލާހުކޮށް ޑިސެންބަރު 14، 2024 ވަނަ ދުވަހުން ފެށިގެން ވޭޕު އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުން ރާއްޖޭގައި މަނާކުރެވުނެވެ.
މި ނިންމުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދިވެހި ސަރުކާރަށް މަރުހަބާ ކިއެވެ. އެ ޖަމްއިއްޔާއިން ސިފަކުރި ގޮތުގައި ރައީސް ޑރ.މުޢިއްޒުގެ މިނެންމެވުމަކީ އުދަގޫ ނަމަވެސް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅިގެންދިޔަ ނުހަނު ހަރުދަނާ ފިޔަވަޅެކެވެ.
އޭގެ އިތުރަށް ދުންފަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހާ ހަމައިން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް ދުންފަތް ވިއްކުމާއި އެ އެންމެން ދުންފަތް ބޭނުންކުރުން އެއްކޮށް މަނާކޮށް ދުނިޔޭގެ ތާރީހުން ރާއްޖެއަށް ހާއްސަ ޖާގައެއް ކަށަވަރުކުރެވުނެވެ. އެއީ ދުނިޔޭގައިވެސް ދުންފަތް ޖީލުތަކަކަށް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރާ ފުރަތަމަ ގައުމަށްވުމުގެ ޝަރަފުވެރި ޖާގައެވެ.
މި ނިންމުމަށްވެސް ޑަބްލިއުއެޗްއޯއާއި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތާރީފު ލިބުނެވެ. ބަލިތައް ޖެހުމުގެ ކުރިން މީހުން ބަލިތަކުން ރައްކާތެރިކުރުމަކީ ސިއްހީ ނިޒާމުގެ މުހިއްމު ބައެއްކަމަށް ބައްލަވައި އެ އަމާޒު ހާސިލުކުރެއްވުމަށް ރައީސް އެޅުއްވި މި ދެ ފިޔަވަޅަކީ ހިތްވަރުގަދަ ލީޑަރެއްގެ ހަރުދަނާ ނިންމެވުންތަކެވެ. ޖީލެއްގެ ދުޅަހެޔޮކަން ކަށަވަރުކުރެއްވުމަށް އެޅުއްވި ވަރުގަދަ ފިޔަވަޅުތަކެކެވެ. ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވިޔަސް ދިވެހިންނަށްޓަކައި އެ ނިންމެވުން ތަންފީޒުކުރެއްވުންމަތީ ރައީސް ސާބިތުވެ ހުންނެވުމަކީ އެމަނިކުފާނުގެ އިހުލާސްތެރި ހެޔޮ ނިޔަތުގެ މައްޗަށް ދަލީލުކުރާ އަލިގަދަ ހެއްކެކެވެ.