ENGLISH
15 ނޮވެމްބަރު 2025
މާލޭގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް؛ 501 ސަރަހައްދެއް ބަލައިފާސްކޮށްފި
15 ނޮވެމްބަރު 2025
|
ފުލުހުން މާލޭގެ މަގުތައް ބެލެހެއްޓުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ސަންގު
މާލޭ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފާއިތުވި 48 ގަޑިއިރު ތެރޭގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި 501 ތަނެއް ބަލައިފާސްކޮށްފިއެވެ.
ފުލުހުން މީޑިޔާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން މި އޮޕަރޭޝަނުގައި ގޭންގު ކުށްތައް ހުއްޓުވުމަށް ހާއްސަކޮށްފައިވާ ޑިޕާޓުމެންޓުން 50ް ސަަރަހައްދެއް ބަލައިފާސްކުރުމުގެ އިތުރަށް 129 އިންޓަރެކްޝަން ހަދާފައިވެއެވެ. މާނައަކީ 129 ފަހަރު މީހުން ހުއްޓުވައި މުއާމަލާތްކޮށްފައިވެއެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު 48 ގަޑިއިރު ތެރޭގައި ފުލުހުންވަނީ މާލޭގައި ފައިމަގުގައި 840 ޕެޓްރޯލު ކުރިއަށްގެންގޮސްފައެވެ. އަދި ދިހަ އުޅަނދެއް ހިފަހައްޓައި ބަލައިފާސްކޮށްފައިވެއެވެ.
އޭގެ އިތުރަށް މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ ހަތަރު އުޅަނދެއް ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. ޓޯކުރި އުޅަނދުތަކުގެ އިތުރު ތަފުސީލެއް ހާމަނުކުރެއެވެ.
މާލޭގެ އަމާންކަން ކަށަވަރުކޮށް ގޭންގު ކުށްތައް ހުއްޓުވުމަށް ކުރެވުނު މަސައްކަަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ފުލުހަށް ހުށަހެޅުނު ގޭންގު ކުށްތަކުގެ އަދަދުވަނީ 94 އިންސައްތަ ދަށްކުރެވިފައެވެ. ގޭންގު ކުށްތައް މަދުކުރުމަށްޓަކައި ފުލުހުންނަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ގޭންގު ކުށްތަކާ ގުޅޭ ގާނޫނެއް އެކުލަވައިލެވި އަމަލުކުރަން ފެށިފައިވެއެވެ.
ރާއްޖޭގެ އަމާންކަން ދެމެހެއްްޓުމަށްޓަކައި މައިގަނޑު ތިން މައްސަލަައެއް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ފުލުހުން އަންނަނީ ކުރަމުންނެވެ.