ENGLISH
15 ނޮވެމްބަރު 2025
ކާމިޔާބު 104؛ ޑެބިޓު ކާޑުގެ ލިމިޓު 250 ޑޮލަރުން 3،000 ޑޮލަރަށް ބޮޑުވެއްޖެ
15 ނޮވެމްބަރު 2025
|
ބީއެމްއެލް ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް 1100 އިންސައްތަ އިތުރުކުރެވިފައިވޭ
ކޮވިޑް-19ގެ އާލަމީ ވަބާގައި ދިވެހިރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި ދޮރާށި ކަމުގައިވާ ޓޫރިޒަމް ސިނާއަތް ހުއްޓުމަކަށް އައިސް ބޭންކަށް ޑޮލަރު ލިބުން ދަތިވި ދަނޑިވަޅުގައި ދިވެހި ރުފިޔާ ޗާޕުކޮށް އިގުތިސާދަށް އެތެރެކުރަން ފެށި ގޮތަށް ހުއްޓާނުލައި ތިން އަހަރު ފައިސާ ޗާޕުކުރުމުގެ ސަބަބުން ޑޮލަރު ތަދުވެ، ބޭންކުތަކުން ޑޮލަރުން ދެމުން އައި ހިދުމަތްތަކަަށް ބުރޫއެރިއެވެ.
ޑޮލަރު ތާށިވެ، ހިދުމަތް ދޭން ދަތިވުމުގެ ސަަބަބުން މަޖުބޫރުވެގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭންކުން ދޫކޮށްފައިވާ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތްތައް މަހެއްގެ މައްޗަށް 250 ޑޮލަރުގައި ލިމިޓުކުރަން ނިންމިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް ހާލަތު އޮތީ މިގޮތަށެވެ. ޑޮލަރު ބޭނުންކޮށްގެން ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން މުއާމަލާތްކުރެވޭނީ މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށެވެ. މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނާއި، ރާއްޖޭގައި ތިބެގެން ޑެބިޓު ކާޑުތައް ބޭނުންކޮށްގެން އެކި ބާވަތްތަކުގެ މުއާމަލާތްތައް ހިންގަމުންދިޔަ އެތައް ބަޔަކަށް ކުރިމަތިވި ބޮޑު ހުރަހެކެވެ.
ސަރުކާރުން އެކަން ހައްލުކުރުމަށް އެޅި މައިގަނޑު ފިޔަވަޅަކީ ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށް އެޅި ފިޔަވަޅެވެ. އެގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަމާކުރުން ލާޒިމުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބޭންކުތަކަށް ޑިޕޮސިޓުކުރާ/ ޖަމާކުރާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ.
އޭގެ އިތުރަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކުރުން ނުވަތަ ވިއްކުން ލާޒިމުކުރިއެވެ. އަދި ބޭންކުތަކަށް މާރުކުރާ ފައިސާގެ ވަކި މިންވަރެއް މަރުކަޒީ ބޭންކު މެދުވެރިކޮށް ބޭންކުތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސިއެވެ. މިއާއެކު ބޭންކުން ޑޮލަރުން ދެމުންދިޔަ ހިދުމަތް ދިނުމަށް އިތުރު ފައިސާ ލިބުނެވެ.
މިފަދަ ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ ސަބަބުން ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރ އެކްސްޗޭންޖް ޕޮޒިޝަން -20 ގައި ހުރުމަށްފަހު ޕޮޒިޓިވް ހާލަތަށް ގެނެވުނެވެ. ނަތީޖާއެއްގެ ގޮތުން ބޭންކުން ޑޮލަރުން ދޭ އެކި ހިދުމަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިވިއެވެ.
މި ފުރުސަތުގައި އާއްމު ރައްޔިތު މީހާއަށް އެންމެ ބޮޑަށް އަސަރުކުރާ ގޮތަށް އޮތް ދިވެހިރުފިޔާ ޑެބިޓު ކާޑުތައް މެދުވެރިކޮށް ޑޮލަރުން މުއާމަލާތްކުރުމުގެ ލިމިޓު ބޮޑުކުރިއެވެ. މިހާރު ކޮންމެ ކާޑަކުން ބޭރުގައި 500 ޑޮލަރާ ހަމައަށް މުއާމަލާތްކުރެވޭނެއެވެ.
އޭގެ އިތުރަށް ބޭރަށް ކުރާ ދަތުރުތަކުގައި ޓިކެޓު ގަތުމަށާއި، ހޮޓާތަކުގެ ބުކިންތަކަށް އަގު ދެއްކުމަށާއި ސިއްހީ ފަރުވާއަށް އަގު ދެއްކުމަށް މަހަކު 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެއެވެ. އަދި ކާޑު މެޝިންތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް މަހަކު 1،000 ޑޮލަރާ ހަމައަށް ލިމިޓު ބޮޑުކުރެވުނީއެވެ.
މީގެ އިތުރަށް ބޭންކުތަކުން ވިޔަފާރިތަކަށް ޓީޓީ ހެދުމުގައި ދެމުންއައި އެހީ 50 އިންސައްތައާ ހަމައަށް މިހާރުވަނީ އިތުރުކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީއާއި ދިރިއުޅޭ ތަންތަނުގެ ކުއްޔަށް ބޭނުންވާ ފައިސާ ޓީޓީ މެދުވެރިކޮށް މިހާރު ދެއްކޭނެއެވެ. އެންސްޕާއާއި އާސަންދައިގެ އެހީގައި ސިއްހީ ފަރުވާއަށް ދާ މީހުންނަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދުވަނީ އިތުރުކުރެވިފައެވެ.
ސަރުކާރުގެ މާލީ އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރަކުން މިފަދަ އިގުތިސާދީ ޖާގަތައް ފަހިކުރެވި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ހައްލުކުރެވި، ރައްޔިތުންނަށް ލުއިވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ޑޮލަރު ލިމިޓަށް ދެ އަހަަރު ތެރޭ 1100 އިންސައްތައިގެ ކުރިއެރުމެއް ހޯދައިދެވިފައިވަނީ މި މަސައްކަތުގެ ތެރެއިންނެވެ.