ENGLISH
15 ނޮވެމްބަރު 2025
ކާމިޔާބު 104؛ ބޭނުންކުރެވޭ ރިޒާވްއަށް 99.1 އިންސައްތައިގެ ކުރިއެރުމެއް
15 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމްއެމްއޭގެ ގަވަނަރު އަޙްމަދު މުނައްވަރު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 17 ނޮވެންބަރު 2023 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި، ބޭނުންކުރެވޭ ރިޒާވް އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ނުވަތަ 104 ހަފުތާ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ދައުލަތުގެ ރަސްމީ ރިޒާވް ވަރަަށް ބޮޑަށް ތިޔާގިވެ، ބޭނުންކުރެވޭ ރިޒާވް 99.1 އިންސައްތަ އިތުރުވެއްޖެއެވެ.
ވެރިކަމާ ރައީސް ހަވާލުވެވަޑައިގެންނެވި ނޮވެންބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ އެންމެ 581.2 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 97.9 މިލިއަން ޑޮލަރެވެ. އެއީ އެއް މަސް ދުވަހުގެ ކާޑާއި ތެޔޮ އެތެރެކުރުމަށް ބޭނުންވާ މިންވަރަށްވުރެވެސް މަދު މިންވަރެކެވެ.
ރިޒާވް މިހާ ބޮޑަށް ހީނަރުވިއިރު ދައުލަތުގެ ދަރަނި ހުރީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 110.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115.9 އިންސައްތައެވެ.
ދަރަނި ބޮޑުވުމާއެކު 2024 ވަނަ އަހަރުގެ މާޗު މަހުގައި ރަސްމީ ރިޒާވް 491 މިލިއަން ޑޮލަރަށް އަދި ސެޕްޓެެންބަރު މަހުގައި 371.2 މިލިއަން ޑޮލަރަށް ދަށްވިއެވެ.
ނަމަވެސް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި މަރުކަޒީ ބޭންކުން ބޭރު ފައިސާގެ ގަވާއިދެއް އެކުލަވައިލާ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރިއެވެ. މި އަހަރުގެ ޖަަނަވަރީ މަހުގައި އެ ގަވާއިދު ގާނޫނަކަށް ހަދައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިއެވެ.
މިއާއެކު ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު އިތުރުވިއެވެ. އަދި ބޭންކުތަކުގެ ޒަރީއާއިން މަރުކަޒީ ބޭންކަށް ޑޮލަރު ލިބޭނެ މަގުތައް ފަހިވެ، އެކަމުގެ ހެޔޮ އަސަރު ރިޒާވްއިން ފެންނަން ފެށިއެވެ. އޭގެ އިތުރަށް އިންޑިޔާއަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރިޒާވް ބޭންކާއި ރާއްޖޭގެ މަރުކަޒީ ބޭންކުގެ މެދުގައި ގާއިމުކުރެވުނު އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއްގަައި ސޮއިކުރެވުނެވެ. މި ކަރަންސީ ސްވޮޕް ވެގެންދިޔައީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމުގެ ބިންގަލަށެވެ.
އެ ލިބުނު ފުރުސަތުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރިޒާވްގެ ހާލަތު ރަނގަޅުކުރެވި 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި 859.5 މިލިއަން ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ. އަދި މަރުކަޒީ ބޭންކުން ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް 116 މިލިއަން ޑޮލަރު ބަހައްޓާފައި ހުއްޓެވެ.
މި ބޮޑު ކުރިއެރުމާއެކު ރާއްޖޭގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރި ފައިސާގެ ނިސްބަތް 2023 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު 99.1 އިންސައްތަ އިތުރުވެ، 97.9 މިލިއަން ޑޮލަރުން 194.4 މިލިއަން ޑޮލަރަށް އެރިއެވެ.
ރިޒާވް ބަލިކަށިވެ ހީނަރުވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ފިޗް އަދި މޫޑީސްއިން ނިންމި މައިގަނޑު އެއް ސަބަބެވެ. ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަމާމެދު މާލީ އިދާރާތަކުން ސުވާލު އުފެއްދި މައިގަނޑު ސަބަބުވެސްމެއެވެ.
އެހެންކަމުން ރައީސްގެ މާލީ ސިޔާސަތުތަކުގެ ތެރެއިން ތަނަވަސްކުރެވުނު އެކި ފުރުސަތުތަކުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވްއާއި ބޭނުންކުރެވޭ ރިޒާވްއަށް ލިބުނު ކުރިއެރުމަކީ ރާއްޖެއަށް ދަރަންޏަށް ފައިސާ ދިން ގައުމުތަކާއި އަމިއްލަ އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އިތުބާރު އިއާދަވާނެ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމުގެ މިސްރާބަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.