ENGLISH

15 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ މަސްވެރިންގެ ބޮޑު އުދާސް ހައްލުކޮށް، ސިނާއަތަށް ތިޔާގިކަން

15 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން މަސްވެރިންނާ ބައްދަލުކުރެއްވި މަސްވެރިންގެ ގުންޒަރުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި މަސްވެރިން ތިބީ ވަަރަށް ބޮޑަށް މާޔޫސްވެފައެވެ. މަސްވެރިކަމުގެ ސިނާއަތް އޮތީ އެހައިމެ ބޮޑަށް އަޑިއަޅައިލާފައެވެ. 

މަސްވެރިންގެ މާޔޫސީގެ އެންމެ ބޮޑު ސަބަބަކީ ބާނާ މަސްކޮޅު ކިރުވުމަށްފަހު މަސް ދެމަސް ވާއިރު ފައިސާ ނުލިބުމެވެ. މަސްކޮޅު ކިރުވައިގެން ފައިސާ ނުލިބި ދިގުލައިގެންދިއުމުގެ ސަބަބުން މަސްވެރިކަމަކީ އާމްދަނީ ހޯދުމަށް ރަނގަޅު މަސައްކަތެއް ކަމުގައި ގަބޫލުނުކުރެވި އޮޑިފަރުން ފަޅުވެރިން ފައިބާ މަސްވެރިކަމަށް ނިކުންނަ މީހުންނާއި އޮޑިފަހަރުވެސް މަދުވިއެވެ. 

މި ހާލަަތު ބަދަލުކުރެއްވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ އެއްބަޔަކީ މަސްވެރިންނަށް ކޮންމެ 48 ގަޑިއިރަކުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުންނާއި، ބޭރާއި އެތެރޭގެ ދަރަނި ބޮޑުވެފައި އޮތް މިންވަރުން މި ވައުދުފުޅު ވަގުތުން ވަގުތަށް ފުއްދެވޭނެ ފުރުސަތާއި ޖާގަ ލިބިވަޑައިނުގަތެވެ. 

މާލީ ހާލަތު ރަނގަޅުކުރައްވަމުން އިގުތިސާދުގެ ތެރެއިން ޖާގަތައް ތަނަަވަސްކުރައްވަމުން ހޯއްދެވި ފުރުސަތުގައި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިންނަށް ބަރާބަރަށް ދުވަހުން ދުވަހަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސަވައި އެކަން އިއުލާނުކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހުއެވެ. އެއީ މަސްވެރިންގެ ދުވަހެވެ. އެ ސިޔާސަތު ހިންގަވަން ފެއްޓެވިތާ އަހަރުވާން މަަހަކަށްވުރެ ކުޑަ ތަންވެފައިވާއިރު އެކަމުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. 

އެގޮތުން ބީއެމްއެލްއާއި ފިނޭންސް މިނިސްޓްރީގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ތެރެއިން މިހާރު ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބެމުންދެއެވެ. އެ އިންތިޒާމު ހަމަޖެހުނުފަހުން ފާއިތުވި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 721 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. 

މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބެން ފެށުމާއެކު މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، މަސްވެރިކަމަށް ނިކުންނަ އޮޑިފަހަރު ގިނަވެ، މަސްވެރިން މަސް ކިރުވާ މިންވަރަށާއި، ރާއްޖެއިން މަސް ބޭރުކުރާ މިންވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. 

އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކިރުވާފައިވަނީ 39،684 މެޓްރިކްޓަނުގެ މަހެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މަސް ކިރުވި މިންވަރު 75.9 އިންސައްތަ އިތުރުވެ، ކިރުވި މަހުގެ އަދަދު 79،786.4 މެޓްރިކްޓަނަށް އަރާފައިވެއެވެ.

2024 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 32،042.4 މެޓްރިކްޓަނުގެ މަސް އަދި މަހުގެ އުފެއްދުންތަކެވެ. އެ އަދަދު 2025 ވަނަ އަހަރުގެ އެ މުއްދަތުގައި 61،452 މެޓްރިކްޓަނަށް އިތުރުވިއެވެ. އެއީ 91.8 އިންސައްތައިގެ އިތުރުވުމެކެވެ.

ވަގުތުން ފައިސާ ދޭން ފެށޭނެ އިންތިޒާމު ހަަމަޖެއްސެވުމުގެ އިތުރަށް މަސްވެރިންގެ ދަފުތަރު އެކުލަވައިލައްވައި މަސްވެރިންނަށް އިގުތިސާދުގައި ބައިވެރިވުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވައި، ބޭންކުތަކުން މަސްވެރިންނަށް އެކި މާލީ ހިދުމަތްތައް ލިބޭނެ މަގުފަހިކުރައްވައިފިއެވެ. އޮޑިފަހަރުގައި ލޮނު ފެނުން އައިސް އުފެއްދޭނެ ޕްލާންޓުތައް ބެހެއްޓުމަށް ބޭނުންވާ މާލީ އެހީ މަސްވެރިންނަށް ދެއްވައިފިއެވެ. މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ގިނަގުނަ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައިހެން ފެށިގެން އެހެރަދަނީ ކުރިއަށެވެ. 

ރައީސްގެ ވެރިކަމަށް ދެ އަހަރު ފުރެން ދެ ދުވަހަށްވެފައިވާއިރު ފެންނަ ހަގީގަތަކީ ވަޅުޖެހިފައި އޮތް މަސްވެރިކަން ކޮޅަށްޖައްސަވައި، މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދެއްވައިފި ކަމެވެ. މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ބިނާރުތައް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ފައްޓަވައިދެއްވައިފި ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު