ENGLISH

15 ނޮވެމްބަރު 2025

Advertisement

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވައިލުމުގައި ފަހަތަށް ނުޖެހެން ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސްގެ އިލްތިމާސް

15 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ޑއ.މުޢިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް

ފަލަސްޠީނުގެ މިނިވަން އަދި ސިޔާދަތު ލިބިފައިވާ ދައުލަތެއް ގާއިމުކުރުމަށް ގޮވައިލުމުގައި ފަހަތަށް ނުޖެހުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. 

ފަލަސްތީނުން މިނިވަން ދައުލަތެއް އިއުލާނުކުރުމަށް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ މިއަދުވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހޯދުމަށް ކުރާ މަސައްކަތުގައި، އަދި އެ ރައްޔިތުންނަށް ލިބިފައިވާ އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ހޯދުމަށް ކުރަމުންދާ ޖިހާދުގައި ރާއްޖެއިން އަބަަދުވެސް މަދަދުވެރިވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ކަމަށެވެ. 

އަދި ދިވެހިރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުން އަބަދުވެސް ފަލަސްތީނުގެ އަހުންނާއި އުހުތުންނާއެކު އެއް ރޫހެއްގައި ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސްވަނީ އެމަނިކުފާނުގެ ޕޯސްޓުގައި ދެއްވާފައެވެ. 

އަދި ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް އިލްތިމާސްކުރެއްވީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތަށް، އިރުމަތީ ގުދުސްގައި ވެރިރަށް އޮންނަ ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ސިޔާދަތު ލިބިފައިވާ ދައުލަތެއް ގާއިމުކުރުމަށް ގޮވައިލާ ގޮވައިލުމުގައި ދުވަހަކުވެސް ފަހަތަށް ނުޖެހުމަށެވެ. 

އަދި މިއަދުގެ ފަލަސްތީނުން މިނިވަން ދައުލަތެއް އިއުލާނުކުރި މުނާސަބަތަށް އަހަރު ފުރޭ ދުވަހާ ގުޅިގެން އެ ގައުމުގެ ރައީސް މަހުމޫދު އައްބާސް އަދި ބޮޑުވަޒީރު މުހައްމަދު މުސްތަފާއާއި، ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސްވަނީ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. 

އަދި ރައީސްވަނީ ފަލަސްތީނު ރައްޔިތުންގެ ހިތްވަރާއި، އަޒުމު އިތުރަށް ވަރުގަދަކޮށްދެއްވުން އެެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުއާކުރައްވާފައެވެ. 

ރޭ ވެރިކަންކުރާ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލުން ކުރަމުންދާ އަނިޔާތައް ހުއްޓައިނުލަނީސް އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖެއިން މަރުހަބާ ނުކިޔާނެ ކަމަށް ވިދާޅުވެފައެވެ. 

"އެއީ އެންމެ ކައިރި ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ދުރު ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ކުދި ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ބޮޑެތި ޤައުމުތައް ކަމުގައި ވިޔަސް އިޒްރޭލު ފިޔަވައި ހުރިހާ ޤައުމަކާއި މި ގައުމުން ގާތް ގުޅުން އޮންނާނެ. ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާ ދޭހާ ހިނދަކު މި ދިވެހިރާއްޖެއަކުން އިޒްރޭލު މީހުންނަކަށް ނެތް މަރުޙަބާ ކިޔުމެއް," އިސްރާއީލު ފިޔަވައި ހުރިހާ ދައުލަތްތަކާ ގާތް ގުޅުމެއް ބާއްވަވާނެ ކަން އިއުލާނުކުރައްވަމުން ރައީސް ވިދާޅުވިއެވެ. 

ރައީސް ގެންދަވަނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހުރިހާ މަންސައެއްގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ދައުލަތުގެ ބޯޑަރަކީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުކަމުގައި ހަމަޖައްސައި ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުމަށް ވަކާލާތުކުރައްވައި އަޑުއުފުއްލަވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު