ENGLISH

15 ނޮވެމްބަރު 2025

Advertisement

ކުރީ ސަރުކާރުން ފުނިޖެއްސި ބިލުތައް ދެއްކުން ކުރިއަށް؛ 443 މިލިއަން ރުފިޔާ 1،040 ފަރާތަކަށް ދައްކައިފި

15 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު، ފޮޓޯ: ޕީއެންސީ

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން އެކި ފަރާތްތައް ލައްވައި މަސައްކަތް ކުރުވުމަށްފަހު ނުދައްކައި ހުރި ފައިސާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 1040 ފަރާތަކަށް 443 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްްޔާ ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. 

ރޭ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި "ދިވެހީންގެ ރާއްޖެ" ބޮޑު އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން އެކި ކުންފުނިތައް ލައްވައި މަސައްކަތްކުރުވުމަށްފަހު ދޭންޖެހޭ ފައިސާ ނުދީ އެތައް ބިލިއަން ރުފިޔާއެއްގެ ބިލު ހުރީ ފުނިޖައްސާފައި ކަމަށެވެ. އެއީ އެ ފަރާތްތަކަށް އެއިރުގެ ސަރުކާރުން ދިން ނިކަމެތިކަމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ މިހާރު އެ ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. 

އެގޮތުން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދަނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކުވެސް އެ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އެގޮތުން ހަވަނަ ދުވަހުން ފެށިގެން މިހާތަނަށް 1،040 މީހަކށް 444.3 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް ފައިސާ ދޫކުރަމުންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ފިނޭންސް މިނިސްޓްރީއާއި ވުޒާރާތަކުން ކުންފުނިތަކަށް ދޭންޖެހޭ 9 ބިލިއަނެއްހައި ރުފިޔާ ނުދައްކައި ހުއްޓެވެ. އަދި ސަރުކާރު ކުންފުނިތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ އަދަދު އެއަށްވުރެ ބޮޑުވާނެ ކަމުގައި ބެލެވެއެވެ. 

ސަރުކާރުން އަންނަނީ ވުޒާރާތަކުން ދައްކަންޖެހިފައި ހުރި ފައިސާ ދެއްކުމުގެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހި ނުދީ ހުރި ފައިސާވެސް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު