ENGLISH
15 ނޮވެމްބަރު 2025
މުޅި ރާއްޖޭގައި 1،875 މަޝްރޫއު އެބަހިނގާ، 1356 މަޝްރޫއު ފެށީ މި ސަރުކާރުން: ރައީސް
15 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ޕީއެންސީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު 1،875 މަޝްރޫއު ހިނގަމުންދާ ކަމަށާއި، އެއިން 1،356 މަޝްރޫއަކީ ފާއިތުވި ދެ އަހަރު ތެރޭ މި ސަރުކާރުން ފެށި މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީން ރޭ މާލޭ ސަރަހައްދުގައި ބޭއްވި "ދިވެހީންގެ ރާއްޖެ" ބޮޑު އެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު 1،875 މަޝްރޫއު ހިނގަމުންދާނެ ކަމަށާއި، އެއިން 1،356 މަޝްރޫއަކީ މި ސަރުކާރުން ސޮއިކޮށް މަސައްކަތް ހަވާލުކުރި މަޝްރޫއުތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުތަކުގެ ތަފުސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާ އެންމެ މުހިއްމު ވިސްނުންފުޅަކީ ހަމަހަމަކަން ގާއިމުކުރުމެވެ. އެގޮތުން ތަރައްގީގެ ކަންކަން ހިނގަންޖެހެނީ ހަމައެކަނި މާލޭގައި، ނުވަތަ އާބާދީ ބޮޑެތި ރަށްތަކުގައިތޯ ސުވާލުކުރައްވަމުން ރައީސް ވިދާޅުވީ އެންމެ ކުދި ރަށްރަށާއި މާލެއާ އެމަނިކުފާނުގެ ވިސްނުންފުޅުގައި ހަމަހަމަ ކަމަށެވެ.
އިތުރަށް ރައީސް ފާހަގަކުރެއްވީ އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށްފަހު އެއްވެސް ރައީސަކު ޒިޔާރަތްނުކުރައްވާ ރަށްރަށަށް ވަޑައިގެންނެވިފައިވާ ކަމަށެވެ. އަދި ރައީސުން މި ރަށްތަކަށް ވަޑައިނުގަތުމަކީ އިހުމާލެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
އެމަނިކުފާނަށް މިފަދަ ރަށްތައް މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭޓީއެމް ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކޮށް، ޕާސްޕޯޓު ހެދުމާއި އައިޑީ ކާޑު ހެދުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުން ފަދަ މަސައްކަތްތައް ކުރައްވަނީ ހަމަހަމަކަން ގާއިމުކުރެއްވުމަށް ކަމުގައެވެ.
އަޅުގަނޑު ދިވެހި ރައްޔިތުންގެ ކިބައިން އެދެނީ، މި މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުމާ އެކު ތިޔަ ވަޑައިގަންވާ ގޮތަށް ކުރިއަށް ވަޑައިގަތުމަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، މި ހުރިހާ މުހިންމު މަސައްކަތްތަކަށް އެޅިގެންދާ މުހިންމު ހުރަހަކަށްވުމުގެ ފުރުސަތު އެއްވެސް ރައްޔިތަކު ނުދެއްވުމަށް،" ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓު ނުދިނުމަށް ރައްޔިތުން ކިބައިން އެދިވަޑައިގަންނަވަަމުން ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށްދޭނެ [އަދި] ރައްޔިތުންނަށްޓަކައި މި ފެށިފައި ހުރި މަޝްރޫއޫތަކާއި ފަށަން ތައްޔާރުވެފައި ހުރި މަޝްރޫއޫތައް ތަންފީޒު ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް ހޮވުމަކީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ނިންމަވާނެ ގޮތް. އެއީ އަޅުގަނޑު އެދޭ ގޮތް."
ރައީސްވަނީ 17 ވަނަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއެއްގައި ފާއިތުވި ދެ އަހަރެއްހައި ދުވަހު ސަރުކާރުން ކުރި މަސައްކަތްތަކާއި ކުރިއަށް އޮތް ތިން އަހަރަށް ސަރުކާރުން ހާސިލުކުރަން ކަނޑައަޅާފައިވާ އަމާޒުތަކުގެ ތަފުސީލު ޕްރެޒެންޓޭޝަނެއް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.