ENGLISH
21 ނޮވެމްބަރު 2025
މި މަސައްކަަތްްކުރަނީ ވަށާޖެހޭ ސިއްހީ ސިޔާސަތެއް ތަންފީޒުކުރަން: ރައީސް
14 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: އެމްއެމްޓީވީ
އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ ވަށާޖެހޭ ސިއްހީ ސިޔާސަތެއް ތަންފީޒުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ތަރައްގީއަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. މިހާތަނަށް ކުރީ ސަރުކާރުތަކުން ސިއްހީ ސިޔާސަތު ތަންފީޒުކުރަމުން ނަމެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ބަލިތައް ޖެހުމުގެ ކުރިން ކުރަންޖެހޭ ކަންކަން ދައުލަތެއްގެ ފެންވަރުގައި ކުރުމާއި، ބަލިތައް ޖެހުމުން އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުން. އެގޮތަކަށް ނޫން ކުރިން އެކަން ކުރެވުނީ. އަޅުގަނޑުމެން އެކަން މިކުރަނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ވޭޕެވެ. ރައީސް ވިދާޅުވީ އެގޮތުން ވޭޕު ބޭނުންކޮށްގެން ސްކޫލުތަކުގެ ތެރެއަށް ޑްރަގު އެތެރެކުރަމުންދިޔައިރު ބެލެނިވެރިން އެދެމުންދިޔައީ ވޭޕު މަނާކުރުމަށް ކަމަށާއި، ފަސޭހަ ގޮތް އިހުތިޔާރުކުރައްވައި އެކަމާ އަޅައިނުލައްވައި ހުންނެވުނީސް ކަމަށާއި ނަމަވެސް އިހުތިޔާރުކުރެއްވީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަަވަރުކުރުމަށް ވޭޕު މަނާކުރެއްވުން ކަމށެވެ.
އޭގެ އިތުރަށް 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަވްތަތއް މަނާކުރުމަކީވެސް އެގޮތަށް ނިންމެވި ސިޔާސަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އަދަދެއްގެ ފައިސާ ހިމަނައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީ އެޅުމާއި، ޓާޝަރީ ހޮސްޕިޓާތައް ތަރައްގީކުރުމަށް ހިމެނުއްވީ އެ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ ބޮޑު ކަމުން ކަމަށެވެ. ރަށްރަށުގެ ސިއްހީ ދާއިރާ އޮތީ އިދަޖައްސާލާފައިކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ސިއްހީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބަޖެޓު ހަމަޖައްސައި، އެ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަށާފަައިވާ ކަމަށެވެ.
އަދި ތައުލީމީ ދާއިރާވެސް ތަރައްގީކުރުމަށްޓަކައި ވަށާޖެހޭ ތައުލީމީ ސިޔާސަތެއް ތަންފީޒުކުރައްވަން ފައްޓަވާފައިވާ ކަމަށާއި، އެގޮތުން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރަން މަސައްކަތްކުރުމާއެކު ޓީޗަރުން ތަމްރީނުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.