ENGLISH
21 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ: ރައީސް
14 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަނީ.
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށާއި، ބާކީ ބަޔަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ޑިސްކައުންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެތައް ހާސް ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް އުފާވެރި ގިނަ ޚަބަރުތަކެއް ދެއްވާފައެވެ. އޭގެތެރެއިން ރަމަޟާން މަހާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާކޮށް، ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދީފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް މިއަހަރު ވެސް މަސްދަޅު ކޭހެއް ހަދިޔާކުރުމާއެކު، ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ.
"މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. އޭގެ އިތުރަށް، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400 ރުފިޔާ. ބާކީ ބައި ޑިސްކައުންޓް" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކާއެކު އެންމެން އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުން ކުރަން ރާވާފައިވާ މުހިއްމު ހުރިހާ މަސައްކަތްތަކަކަށް އެޅޭ ހުރަހަކަށް ވާން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކައުންސިލެއް ހޮވުމަކީ ރާއްޖޭގެ ރައްޔިތުން ނިންމަވާނެ ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެކަމަކަށް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރެއްވުމަށްފަހު މަސައްކަތްޕުޅު ފެއޓެވީ ހުވައިގައި ހިމެނޭ ކޮންމެ ލަފްޒެއްގެ ފުރިހަމަ މާނައިގައި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ތަންފީޒުކުރުމުގެ ނިޔަތުގައި ކަމަށާއި، މިއަދާ ހަމައަށް އައީ އެގޮތުގައި ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް މައިގަނޑު ތިން ދާއިރާއަކަށް ބެހިގެންދާނެ ކަމަށާއި، އެއީ ހަމަޖެހުމާއި، ތަރައްގީއާއި، ރައްކާތެރިކަމަށް ކަމުގައި ފާހަަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު މިތިން ދާއިރާއިން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެެވިފައިވާ ކަމަށެވެ.