ENGLISH
24 ނޮވެމްބަރު 2025
މަސައްކަތް މިކުރަނީ ހުވައިގެ މަތީގައި ހުރެ، ވައުދުވީ މައިގަނޑު ތިން ދާއިރާއިން ގައުމު ބިނާކުރުމަށް: ރައީސް
14 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ،
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސައްކަތްކުރައްވަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައާ އެއްގޮތަށް، ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ބެހިގެންދާ މައިގަނޑު ތިން ބައިން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ "ދިވެހީންގެ ރާއްޖެ" ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރެއްވުމަށްފަހު މަސައްކަތްޕުޅު ފެއޓެވީ ހުވައިގަ ހިމެނޭ ކޮންމެ ލަފްޒެއްގެ ފުރިހަމަ މާނައިގަ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ތަންފީޒުކުރުމުގެ ނިޔަތުގައިކަމަށާއި، މިއަދާ ހަމައަށް އައީ އެގޮތުގައި ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް މައިގަނޑު ތިން ދާއިރާއަކަށް ބެހިގެންދާނެ ކަމަށާއި، އެއީ ހަމަޖެހުމާއި، ތަރައްގީއާއި، ރައްކާތެރިކަމަށް ކަމުގައި ފާހަަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު މިތިން ދާއިރާއިން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެެއްވިފައިވާ ކަމަށެވެ.
މި ގައުމަކީ އިސްލާމީ ގައުމެއްކަމަށާއި، އެމަނިކުފާނުގެ ސިޔާސަތުގެ އެންމެ މުހިއްމު ތަނބަކީ އިސްލާމްދީނަށް ނަސްރުދިނުން ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދާ ހަމައަށްއައިރު ދީނީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. އެގޮތުން މިސްކިތްތައް ހެދުމާއި، ވަގުފު އިމާރާތްތައް އެޅުމާއި ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުތައް ގާއިމުކުރުމާއި، ޒަކާތު ހައުސް ހެދުން ފަދަ އެތައް ކަމެއް ކުރެވެމުންދާ ކަމަށެވެ.
"އިސްލާމްދީނަށް ހިދުމަތްކުރުމަކީ ތިޔަ ލޮބުވެތި ރައްޔިތުން މި ސަރުކާރުން އަދި ކޮންމެ ސަރުކާރެއްގެ ކިބައިންވެސް އެދިފައި އޮތް ކަންތައް. މިސަރުކާރުން ކުރަމުންދާ ކަންތައް. ކުރިއަށް އޮތް ތާނގަައިވެސް މި ސަރުކާރުން ކަންކަަން ކުރަމުންދާނީ އެގޮތަށް، އެއީ އަޅުގަނޑުގެ ޒިންމާ އަޅުގަނޑުގެ ފަހުރު،" ރައީސް ވިދާޅުވިއެވެ.
17 ނޮވެންބަރު 2023 ގައި ރައީސްކަަމުގެ ހުވައިކުރެއްވުމަށްފަހު ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށް ފަލަ ރަތް ރޮނގެއް ކުރައްސަވައިލެއްވި ކަމުގައި ވިދާޅުވި ވާހަކަފުޅަކީ ހިތުގެ އެންމެ ފުންމިނުން އެކަން ކުރެއްވުމުގެ ނިޔަތުގައި ވިދާޅުވި ވާހަކަފުޅެއް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖެއަށް އިހުތިރާމުކުރާ ހުރިހާ ގައުމުތަކާ އެކު ގާތް ގުޅުން ބާއްވަމުންދާ ކަމަށެވެ.
އަދި އިސްރާއީލު ފިޔަވައި ހުރިހާ ގައުމުތަކާއެކު ގާތް ގުޅުން ބާއްވަވާނެކަން އިއުލާނުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރީތި ބީޗުތަކާއި ގޮނޑުދޮށްތައް އިސްރާއީލު މީހުން ބޭނުންކުރަން ދިވެހިން ނޭދޭތީ އެ ފުރުސަތު އިސްރާއީލު މީހުންނަށް ނުދޭން ނިންމެވީ ކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެކަމުގައި ބޮޑެތި ޕްރެޝަރުތައް އެމަނިކުފާނަަށް ކުރިމަތިވި ނަމަވެސް ރާއްޖެއަކީ ޑިމޮކްރަސީއަކަށްވާތީ ގިނަ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަަން ކުރެއްވީ ކަމަށެވެ.
އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަމުންދަނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގެ ބޭނުމުގައިކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ ސިޔާސަތުގެ ތެރެއިން ގިނަ ކާމިޔާބުތަކެއް ލިބިގެންދާތަން ފެންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހަމަޖެހުން ދެމެހެއްޓުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް ސިޔާސީ ވިސްނުމުގައި އެއްވެސް ވެރިޔަކު ހައްޔަރުކުރައްވާފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިޔާސީ ވިސްނުމުގައި ސިޔާސީ މަސައްކަތް ކުރުމުގެ ފުުރުސަތާއި މިނިވަންކަން ތަންމިނަށް އޮންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން އާއްމު ގޮތެއްގައި ވެރިކަމުގެ ދެ އަހަރުވާއިރު އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލާކަމަަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެމަނިކުފާނުގެ ވެރިކަަމުގައި ބަދަލުހިފުމުގެ ނުބައި ވިހަ އޮއިވަރަށް ޖާގަ ދީފައިނުވާކަމަށެވެ. އަދި ޕީއެންސީގެ ލަޝްކަރުން މަސައްކަތްކުރާނީ ގައުމު އިސްކޮށްގެން ކަމަށާއި، އެ ސިފައަކީ ޕީއެންސީގެ އެންމެ މުހިއްމު ސިފަ ކަމަށެވެ.
:"ކުރީގައި ސިޔާސީ ލީޑަރުން ޖަލަށްލާން ހަދާފައި ހުރި ގޮޅިތައް ހުންނާނީ ހުހަށް. އެތަނަށް ލާނެ މީހަކު މިހާރަކު ނެތް،" ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ޝަރުއީ ދާއިރާއިން ގާނޫނު ތަންފީޒުކުރާނެ ކަމަަށާއި، ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް ބަޔަކާމެދު ތަފާތުނުކުރައްވާނެ ކަމަށާއި، އެއީ އެމަނިކުފާނަށް އޮތް ޗޮއިސެއް ނޫންކަމަށާއި، ސިއްޓަމް އެންމެންގެ މައްޗަށް ތަންފީޒުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަޖެހުމާއި އިސްތިގުރާރު ގާއިމުކުރުމަށް ޝަރުއީ ދާއިރާ މިނިވަންކުރުމަކީ ޒަރޫރަތެއް ކަމުގައި ފާހަގަކުރައްވައި، ރައީސް ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ވަކިކޮށް ކުރިން އެއްވެސް އަހަރަކު ނުދޭވަރުގެ ބަޖެޓެއް ދީ، މާލީ ގޮތުން މިނިވަންކޮށްދެއްވާފައިވާ ކަމަށެވެ.
"ޖުޑީޝަރީ މިނިވަންކުރީ. ޖުޑީޝަރީން ކުރަންޖެހޭ ކަމެއް ކުރަން އެހެން މިނިސްޓްރީއެއްގެ ހުއްދަ ހޯދަންނުޖެހޭނެ. އެއޮތީ ޝަރުއީ ދާއިރާ މިނިވަންކޮށްފައި،" ރައީސް ވިދާޅުވިއެވެ. އެއާއެކު ރައީސްވަނީ ކޯޓަށް ނުފޫޒު ވަނުމަށް ޖާގަނުދިނުމަށް ކޯޓުތަކަަށާއި ފަނޑިޔާރުންނަށް އިލްތިމާސްކުރައްވާފައެވެ.