ENGLISH

24 ނޮވެމްބަރު 2025

Advertisement

ރައީސް ބުރަ މަސައްކަތުން ބިނާކުރައްވަަމުންދަނީ ވަރަށް ރަނގަޅު ދައުލަތެއް: ފަލާހު

14 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ވޮއިސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބުރަ މަސައްކަތްޕުޅުން ބިނާކުރައްވަމުންދަނީ ވަރަށް ރަނގަޅު ދައުލަތެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ފަލާހު ވިދާޅުވީ މިރޭ ރައްޔިތުން ނިކުމެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ޖަވާބުދީފައިވާ ކަމަށެވެ. ސަރުކާރުން ރައްޔިތުންނާމެދު ކަންކަން ކުރަނީ ރަނގަޅަށް ނޫންކަމަށް ރައްދުދީ އެތައްހާސް ރައްޔިތުން މިއަދު އެއްވެ ބުނަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވަރުގެ ސަރުކާރެއް ނެތް ކަމަށް ކަމުގައި ފަލާހު ވިދާޅުވިއެވެ. 

ޖަޒީރާ ރާއްޖޭގެ ނަމުގައި އެމްޑީޕީން ކުރި ފަސް އަހަރުގެ ވެރިކަމަކީ ރައްޔިތުންނާމެދު ވަރަށް އިހާނަތިކޮށް ކަންކަން ކުރި ރާއްޖެއެއް ކަމަށާއި، އެގޮތުން ޖޭއެސްސީ ބޭނުންކޮށްގެން އެތައް ފަނޑިޔާރުންނެއް ސަސްޕެންޑުކޮށް ފަނޑިޔާރުންގެ ނިޒާމު ފުނޑައިލި ސަރުކާރެއް ކަމަށާއި، ކޮވިޑުގެ ހާލަތުގައި ބޭރު ފަރާތްތަކުން ރާއްޖެއަށް ދިން އެހީން އެތައް މިލިއަން ޑޮލަރެއް އެއިރުގެ ސަރުކާރުގެ ވެރިންގެ އެކައުންޓުތަކަށް ޖަމާކުރި ކަމަށް ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ކުރިން ނުލިބޭ މިންވަރަށް ހިލޭ އެހީ ލިބުނުކަމަށާއި، ފަސް އަހަރުގެ ތެރޭގައި 200 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓު ފާސްކުރިއިރު، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް ފަލާހު ވިދާޅުވިއެވެ. 

"ރައްޔިތުންނަަށް އޮޅުވައިލީ ހިންޏަށް ހަކުރު އޮޅުވާލާހެން. މިކަހަލަ ވަރަށް ގިނަ ނުބައި ސަބަބުތަކާހުރެ 2023 ވަނަ އަހަރު ދިވެހި ރައްޔިތުން އެމްޑީޕީއަށް ބުނީ ނޭނެކޭ،" ފަލާހު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް މުހިއްމު ސިޔާސަތުތަކާއެކު ކަމަށާއި، އެމަނިކުފާނަކީ ސީރިއަސް ވެރިއެއްކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ގައުމަށް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތަކަށް ހަރުދަނާ ހައްލުތަކެއް ހޯއްދަވަަން ކަމުގައިވެސް ފަލާހު ވިދާޅުވިއެވެ. 

އެގޮތުން މީގެ 42 އަހަރު ކުރިން ފެށިގެން ރާއްޖޭގެ އެއްވެސް ވެރިއަކަށް ނުކުރެއްވުނު ކަމެއް ކުރައްވައި، ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޒިޔާރަތްކުރައްވައި، ރަށްރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީތަކާއި ރަށްރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވި ކަމުގައި ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ އެ ދަތުރުފުޅުތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށްފަހު އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލެއްވީ ރައްޔިތުން އެދޭ ކަންކަން ހާސިލުކުރެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު ބަޖެޓު ތައްޔާރުކުރެއްވީ ޕްރޮގުރާމު ބަޖެޓެއްގެ ގޮތުގައި ކަމަށާއި، ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންވެސް ބަޖެޓު ތައްޔާރުކުރައްވާނީ އެގޮތަށް ކަމުގައި ފަލާހު ވިދާޅުވިއެވެ. 

މި އަހަރަށް އެކުލަވައިލި ޕްރޮގުރާމު ބަޖެޓުގެ ތެރެއިން ހާސިލުވި ކަންކަމުގެ ތެރެއިން ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކޮށް، ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހެދުމާއި އައިޑީކާޑު ހެދުމުގެ ހިދުމަތް މިއަދު ލިބެން ފަށާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. މި ހިދުމަތްތަކީ ކުދި ކަންކަމުގެ ގޮތުގައި އިދިކޮޅު ޕާޓީތަކުން ސިފަކުރި ނަމަަވެސް އެކަންކަމުގެ މުހިއްމުކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. 

މަޖިލީހަށް އަލިއަޅުވައިލައްވަމުން ފަލާހު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރަންޖެހިފައި ހުރި ހުރިހާ މަސައްކަތްތަކެއް 19 ވަނަ މަޖިލީހުގައި ހުރީ ޕާކުކޮށްފައި ކަމަށެވެ. ނަމަވެސް ރައީސް ޑރ.މުއިއްޒުގެ ޒައާމަތުގައި ރައްޔިތުންނަށް ބޭނުންވާ މުހިއްމު ހުރިހާ ކަމެއްވެސް މަޖިލީހުގެ ތެރެއިން ކުރަމުން އަންނަ ކަމަަށެވެ. 

ގައުމެއް މިނިވަންވުމަށްޓަކައި، އެ ގައުމެއްގެ ސަރަހައްދު ބެލެހެއްޓޭ މިންވަރުގެ ގާބިލުކަން އަސްކަރިއްޔާގައި ހުރުމާއި، ރައްޔިތުންނަށް ލިބޭ އާމްދަނީން ކައިގެން ބޮއެގެން ދިރިއުޅޭ މިންވަރުގެ ހަކަތަ ދައުލަތުގައި ހުރުން މުހިއްމުކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ މިދެ ކަންތައްވެސް އޮތީ ނުހަނު ބަލިކަށިކޮށް ކަމަށެވެ. ނަމަވެސް ރައީސްގެ މަސައްކަަތްޕުޅުން އެެކަންކަން މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. 

"ވަރަށް ރަނގަޅު ދައުލަތެއް ސަރުކާރެއް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ބިނާކުރައްވަމުންދަނީ. އެމަނިކުފާނުގެ އާއިލާއަށް ފަސް މިނިޓުގެ ވަގުތުކޮޅެއްވެސް ނުދެވޭނެ. އެމަނިކުފާނު ފަދަ އިހުލާސްތެރި އަމާނާތްތެރި ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ މާތްﷲއަށް ހަމްދުކޮށް ޝުކުރުވެރިވަން،" ފަލާހު ވިދާޅުވިއެވެ. 

މި ސަރުކާރަކީ ތިން ބާރު ވަކިވެފައިވާ ނިޒާމު އެންމެ ފުރިހަމަައަށް ތަންފީޒުކުރާ ސަރުކާރުކަަމަށާއި ރައީސް ޑރ.މުޢިއްޒު މަޖިލީހަށާއި ފަނޑިޔާރުގެއަށް އަތް ނުބާންނަވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ރައީސްގެ އަނބިކަނބަލުން ސާޖިދާއަކީ ސިޔާސީ މަސައްކަތަށް ނުކެމެވަޑައިގެން ސިޔާސީ ނުފޫޒު ނުފޯރުއްވާ ހަމައެކަނި ފަސްޓްލޭޑީ ކަމަށެވެ. 

ފަލާހުވަނީ އޭނާގެ ވާހަކަފުޅުގައި އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިދިކޮޅު ޕާޓީތަކުން މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ހައްގުގައި ނޫންކަން ފާހަގަަކުރައްވައި ސަރުކާރުން ކުރަމުންދާ ރަނގަޅު މަސައްކަތްތަކަށް ހުރަސްއެޅުމަށް އިދިކޮޅުން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަލާހު ފާޑުވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު