ENGLISH
13 ނޮވެމްބަރު 2025
ބީއެމްއެލްގެ 3،000 ހައުސިން ޔުނިޓު؛ އަގުހެޔޮކުރަން ވިލިމާލެއާއި ހުޅުމާލެއިން ބިން ދިނީ ހިލޭ
13 ނޮވެމްބަރު 2025
|
ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މަރުކަޒީ ބޭންކު އެމްއެމްއޭއިން އެކުލަވައިލާފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ތަރައްގީކުރާ 3،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ވިލިމާލެއާއި ހުޅުމާލޭގެ ތިން ފިޔަވަހިން އެ ބޭންކަށް ސަރުކާރުން ދޫކުރި ބިންތައް ދޫކުރީ އިތުރު އަގެއް ބޭންކުން ނުނަގާ ގޮތަށް ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ ސްކީމުގެ ދަށުން އަތްފޯރާ ފަށުގައި ހައުސިން ޔުނިޓުތައް ތަރައްގީކޮށް ކުއްޔަށް ދޫކުރުމަށް ބީއެމްއެލްއިންވަނީ ބީއެމްއެލް އެފޯޑަބަލް ހައުސިން ލީސިން ކުންފުނީގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ. މިއަދު ބީއެމްއެލްގައި އޮތް ހަފުލާއެއްގައި އެ ކުންފުންޏަށް އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑރ.މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުތަކުން ހައުސިން މަޝްރޫއުތައް ހިންގަމުންދިޔައީ ބޭރު ގައުމުތަކުން ލޯނު ނަގައިގެން ކަމަށެވެ. ނަމަވެސް މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ އިގުތިސާދު އޮތް ހާލަތާއި، ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައި އޮތުމުގެ ސަބަބުން ލޯނު ނަގައިގެން ހައުސިން މަޝްރޫއުތައް ހިންގުން އޮތީ ވަރަށް ބޮޑަށް ދަތިވެފައިކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ލޯނު ލިބުން ދަތިވުމުގެ ސަބަބުން ސަރުކާރުން ނިންމީ ހައުސިން ސިޔާސަތެއް އެކުލަވައިލާ ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އާމްދަނީއާ އެކަށީގެންވާ ގެދޮރުވެރިކަމެއް ލިބުމަށް މަގުފަހިކޮށްދޭން ކަމަށެވެ. ވަޒީރުންގެ މަޖިލީހުން އެ ސިޔާސަތު އެކުލަވައިލުމާ ގުޅިިގެން "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި އެމްއެމްއޭއިން ސްކީމެއް ތައާރަފުކުރި ކަމަށެވެ.
އެ ސްކީމުގެ ދަށުން އަތްފޯރާ ފަށުގައި ގެދޮރު ދޫކުރުމަށް ކުލީގެ ގޮތުގައި އަގު އަދާކޮށް ހަލާސްކުރުމުން މިލްކުވާ ގޮތަށް ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ބީއެމްއެލްއިން ފަށަން ނިންމި މަޝްރޫއުގެ ދަށުން 3،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިލޭ ދިނުމަށް ސަރުކާރުން ނިންމީ އެ މަޝްރޫއުގެ އަގު އިތުރަށް ހެޔޮކުރުމަށް އެހީތެރިވުމުގެ މަގުސަދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓު ތަރައްގީކުރެވޭނެއެވެ. އަދި ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި 2،700 ހައުސިން ޔުނިޓު އެޅިގެންދާނެ ކަމަަށެވެ.
"އާދެ މިތަންތަނަކީ އަތް ފޯރާ ފަށުގައި ދެވޭ ތަންތަނަށް ހެދުމަށްޓަކައި މިތަންތަން އެޅުމަށް ބޭނުންވާ ބިން ސަރުކާރުން ބޭންކަށް މިދެނީ އިތުރު އަގަކާ ނުލައި. ސަރުކާރުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތްﷲގެ ވާގިފުޅާއެކު މި ޔުނިޓުތަކުގެ އަގު މިހާރު މި ދޫކުރާ ޔުނިޓުތަކުގެ އަގާ ދާދި އެއްވަރެއްގައި ހިފަހެއްޓޭނެ.،" މުއްތަލިބު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ތެރެއިން ފުލެޓު ލިބޭނީ ސަރުކާރުން އިއުލާނުކުރާ ޕްރޮގުރާމުގެ ތެރެއިން ޝަރުތު ފުރިހަަމަވާ ފަރާތްތަކަށް ކަމަށާއި، ނަމަަވެސް އެ ފަރާތްތައް ބޭންކުގެ ޝަރުތުތައް ފުރިހަމަވާންޖެހޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ބޯހިޔާވަހިކަަމަކީ އަސާސީ ހައްގެއް ކަމުގައި ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ކޮންމެ އާއިލާއަކަށްވެސް އެ އާއިލާއެއްގެ އާމްދަނީގެ މިންގަނޑުގެ ތެރޭގައި ބޯހިޔާވަހިކަން ލިބޭނެކަން ކަށަވަަރުކުރުމަށް ކަމަށެވެ. އަދި އެ އަމާޒު ހާސިލުކުރުމަށްޓަކައި މިފަދަ އިތުރު ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށްގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުގައި ބީއެމްއެލްގެ މިހާރުގެ މެނޭޖުމެންޓުން ސަރުކާރަށް ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ޑރ.މުއްތަލިބުވަނީ ސަރުކާރުގެ ނަމުގައި ބޭންކުގެ އިސްވެރިންނާއި މެނޭޖުމެންޓަށް ޝުކުރު އަދާކުރައްވާފައެވެ.