ENGLISH

13 ނޮވެމްބަރު 2025

Advertisement

ރާއްޖެ އާއި ފަލަސްތީނުގެ ޒުވާން ޓީމު ކުޅޭ މެޗުގެ ސުވެނިއާ ޓިކެޓް ރައީސް ބައްލަވައިގެންފި

13 ނޮވެމްބަރު 2025

|

ހަސަން އާމިރު

ދިވެހި ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗުގެ ސުވެނިއާ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިގެންފި އެވެ.

ރާއްޖެ އާއި ފަލަސްތީނުގެ ޒުވާން ޓީމުގެ އެކުވެރިކަމުގެ މެޗު މިރޭ 8:30 ގައި ފަށާނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

އަންނަ އަހަރު ސައުދީ އަރަބިޔާގައި އޮންނަ އޭފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީނުތައް ހަދަމުން އަންނަނީ ރާއްޖޭގަ އެވެ. ހަނގުރާމައިގެ ސަބަބުން މުޅިން ހަލާކުވެ ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޤައުމީ ޓީމުތަކުން ތަމްރީނުތައް ބާއްވަނީ އެކި ޤައުމުތަކުގަ އެވެ. 

ފަލަސްތީނު ޓީމުގެ ކޮލިފައިން މެޗުތައް ކުޅޭނީ މި މަހުގެ 22 އިން 30 އަށް ތައިލެންޑުގަ އެވެ.

މިރެ އާއި އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަލަސްތީނުގެ ޒުވާން ޓީމާ އެކު ރާއްޖެ ކުޅޭ ދެ މެޗަށް ކުޅިބަލަން ހިލޭ ވަނުމުގެ އިންތިޒާމް ހަމަޖައްސާފައިވީ ނަމަވެސް ފަލަސްތީނުގެ ފުޓްބޯޅަ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ ކެޓަގަރީއަކުން ރަމްޒީ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ޕްލެޓިނަމް ކެޓަގަރީ އާއީ ގޯލްޑް ކެޓަގަރީ އެވެ. ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއް ވިއްކާނީ 1،000ރ. އަށެވެ. ޕެލެޓިނަމް ކެޓަގަރީން ޓިކެޓް ގަންނަ ފަރާތްތަކަށް ހަމަޖައްސާފައި ވަނީ ވީއައިޕީ އާއި ރޮސްޓްރަމް އެވެ. އެ ކެޓަގަރީން ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.

ޖުމުލަ 200 ޓިކެޓް ވިއްކާ ގޯލްޑް ކެޓަގަރީއަކީ ރޮސްޓްރަމް ވަށައިގެން އޮންނަ ގޮނޑިބަރި ސަރަހައްދުން މެޗު ބެލުމުގެ ފުރުސަތު ލިބޭ ކެޓަގަރީ އެވެ. އެ ކެޓެގަރީން ޓިކެޓް ވިއްކާނީ 500ރ. އަށެވެ.

އެފްއޭއެމް އިން ބުނީ މި މެޗުތަކުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށެވެ. 

ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ތިބުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު