ENGLISH

15 ނޮވެމްބަރު 2025

Advertisement

މި ސަރުކާރުގެ ތަފާތަކީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެ މަސައްކަތް ކުރާކަން: މުފީދު

13 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަފާތަކީ އެމަނިކުފާނުގެ ސަރުކާރުން ރަށްރަށުގެ ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެން އެގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށް މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީން ގެނެސްދެމުންދާ "ދިވެހިންގެ ރާއްޖެ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މުފީދު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު މާލޭގައި ބާއްވާ ބޮޑު އެއްވުމުގައި ދިވެހި ރައްޔިތުން ބައިވެރިވަނީ ފާއިތުވި ދެ އަހަރެއްހައި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސައްކަތްކުރެއްވި ގޮތުގެ ތަފާތު ފެނި، ރައްޔިތުން ރައީސްގެ މަސައްކަތްޕުޅާމެދު ވަރަށް ބޮޑަށް ރުހިފައި ތިބީތީ ކަމަށެވެ. 

މުފީދު ވިދާޅުވީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުން ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުކުރެއްވުމަކީ ރައްޔިތުން އެމަނިކުފާނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެއް ސަބަބު ކަމަށެވެ. 

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމަކަށް ބަދަލުވިފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ރައްޔިތުންގެ ގާތަށް ރައީސް ޑރ.މުޢިއްޒު ދަތުރުކުރައްވަައި ޒިޔާރަތްކުރެއްވި މިންވަރަށް ރައްޔިތުންގެ ގާތަަށް ވަޑައިގެންފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"އެހެންވީމާ ކޮންމެ ގޮތެއްވިޔަސް ރާއްޖޭގެ ލޮބުވެތި ރައްޔިތުން މިއަދު ތިބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު ޖަލްސާއެއްގަައިވިޔަސް ރެލީއެއްގައި ވިޔަސް ވަގުތު ހޭދަކޮށްލަން ކެތް މަދުވެފައި،" މުފީދު ވިދާޅުވިއެވެ. 

މުފީދު އިތުރަށް ފާހަގަކުރެއްވީ މިވީހައި ތަނަށް ދައުލަތުގެ ބަޖެޓުގައި ހިމެނޭ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރެވިފައި ހުރީ އެއިރެއްގައި އޮންނަ ސަރުކާރެއް ބޭނުންވާ ގޮތަށް ކަމެވެ. އެހެންނަމަވެސް ރައީސް ޑރ.މުޢިއްޒު އެކަމުގައި ކަން ކުރައްވާ ގޮތް ތަފާތުކަމަށާއި، އެމަނިކުފާނު ތަރައްގީގެ މަސައްކަތްތައް ހިންގަވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް މުފީދު ވިދާޅުވިއެވެ. 

"ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުން ދިރިއުޅުއްވާ ތާކަށް ވަަޑައިގެން މިއައްސަވަނީ ތިބޭފުޅުންގެ ތަރައްގީގެ ޕްރޮޖެކްޓުތަކުގެ އިސްފަސް ތަރުތީބު ތިމަންމަނިކުފާނަށް ދެއްވާށޭ. މި ސަރުކާރުން ކަންކަން ކުރައްވަނީ ރައްޔިތު މީހާގެ ހިތުގައި އޮތް އިސްފަސް ތަރުތީބު އޮޅުންފިލުވައިގެން،" މުފީދު ވިދާޅުވިއެވެ. 

މުފީދު ވިދާޅުވީ އެ ސަބަބުތަކަށްޓަކައި ރައްޔިތުން ރައީސާ ބައްދަލުކޮށް އެމަނިކުފާނާއެކު ވަގުތު ހޭދަކުރަން ބޭނުންވާ މިންވަރުގެ ބޮޑުވުމުގެ ސަބަބުން އެ ބައްދަލުވުމަށް އަންނަން ބޭނުން ހުރިހާ ރައްޔިތުން މާލެއަށް ގެނައުމުގައި ދަތިތަކެއް ހުރި ނަމަވެސް 21،000 އަށްވުރެ ގިނަ ރައްޔިތުން އެ އެއްވުމުގައި ބައިވެރިވާނެ ކަމުގައި ލަފާކުރެވޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު