ENGLISH
12 ނޮވެމްބަރު 2025
ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
12 ނޮވެމްބަރު 2025
|
ރަސްމާލެ ހިއްކުން ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ --
ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން 3 ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަވާއިރު، ސައިޓް-ޖޭގެ ސައްތަ އިންސައްތަ މިހާރު ވަނީ ހިއްކާ ނިންމަވާފައެވެ. ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމަވާފަ އެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. އަދި މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.
ރަސްމާލެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޒިޔާރަތުގައި، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި މި ޒިޔާރަތުގައި މަޝްރޫޢުގެ އަދާހަމަ ވަނީ ހިއްސާކުރައްވާފަ އެވެ.