ENGLISH
12 ނޮވެމްބަރު 2025
ގުޅިއަށް 10 ހެކްޓަރުގެ ބޮޑު ބިމެއްް، ރައްޔިތުންނަށް ބޮޑު އުފަލެއް
12 ނޮވެމްބަރު 2025
|
ގުޅިފަޅުގެ ބިން ހިއްކާފައި --
ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާ ނިންމި މި މަޝްރޫޢުގެ ނިންމުން ފާހަގަކުރުމަށް މިއަދު ވަނީ ގުޅީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. 630 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ ނިމުން ފާހަގަކުރެވިގެންދިޔައިރު ކ. ގުޅިއަށް 10.15 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ.
މި މަޝްރޫޢުގެ ދަށުން ނިންމަވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި ޖެހުން ހިމެނެ އެވެ.
މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވަނީ ގުޅި ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފަ އެވެ.
މީގެ އިތުރުން އެމްޓީސީސީއާއެކު ވަނީ ، ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ހަވާލުކޮށްފަ އެވެ. އެ މަޝްރޫޢު ނިންމުމުގެ މުއްދަކީ 530 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު އަދި ނެރު ފުންކުރުން، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް އެޅުން ހިމެނެ އެވެ.