ENGLISH
12 ނޮވެމްބަރު 2025
ޤައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް ރައީސް ކުރައްވާ މަސައްކަތުގެ ނަތީޖާއާ ފައިދާ ފެންނާނެ ކަމީ ޔަޤީން ކަމެއްް: އެމްޕީ އަނަރާ
12 ނޮވެމްބަރު 2025
|
މެންބަރު އަނާރާ ނަޢީމް --
ޤައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަވާ މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާއާ ފައިދާ ފެންނާނެ ކަމީ ޔަޤީން ކަމެއްް ކަމުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ހުރާ ހިމެނޭ ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމަށް މިއަދު އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އަނާރާ ވިދާޅުވީ ޤައުމުން ފެންނަމުންދާ ބަދަލުތަކުގެ ހަޤީޤަތް ޤަބޫލުކުރައްވަން ޖެހޭ ކަމަށެވެ.
އަނާރާ ވިދާޅުވި ގޮތުގައި މުޅި ރާއްޖެ ތަރައްޤީ ކުރެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އިންސާނުންގެ ތަރައްޤީއާ ދުޅަހެޔޮ ކަމަށްޓަކައިވެސް ހެޔޮ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާ މުސްތަޤްބަލްގައި ވަރަށް ފޮނިކޮށް ފެނިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މުޅި ރާއްޖޭގައިވެސް މި ސަރުކާރުން ކުރިއެރުންތައް ހޯދަދީ ތަރައްޤީ ހޯދަދޭން މަސައްކަތް ކުރާ މަންޒަރު. ހަމަ އެކަނި ޢުމްރާނީ ތަރައްޤީއެއް ނޫން. އިންސާނުންނަށް ވެސް ތަރައްޤީ ގެނައުމަށް ވަރަށް ބޮޑެތި ފިޔަވަޅުތައް އަޅުއްވަމުން އެބަ ގެންދަވާ," އަނާރާ ވިދާޅުވި އެވެ.
އަނާރާ ވަނީ އޭނާ ނިސްބަތްވާ ހުރާ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން މުހިންމު މަޝްރޫޢުތަކެއް ހިންގަވަމުން ގެންދަވާތީ އެކަން ފާހަގަ ކުރައްވާފަ އެވެ. ވަކީން ޚާއްސަކޮށް މި ސަރުކާރުން އެންމެ ފުރަތަމަ ފައްޓަވާ ނިންމެވި މަޝްރޫޢުތަކުގެ ތެރޭގައި ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނިގެން ދިޔަކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.
ގުޅީގެ ބިން ހިއްކުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވާ ބިން ހިއްކުމާއި ގުޅިގެން ގުޅިއަަށް އޮތް ގޯތިގެދޮރުގެ ދަތިކަމަށް ވަރަށް ބޮޑަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އަރާނާ ވަނީ ގުޅީގެ އިތުރުން ހުރާ ދާއިރާގެ އެހެން ރަށްރަށުގައި ވެސް ޕްރޮޖެކްޓްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ އެހެން ރަށްރަށުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ވެސް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ.