ENGLISH

15 ނޮވެމްބަރު 2025

Advertisement

ގުޅީ ބިން ހިއްކައި ނިމިއްޖެ؛ އިތުރުވި ބިން ރައީސް ސިފަކުރެއްވީ ތަރައްގީގެ އައު ސަފުހާއެއްގެ ގޮތުގައި

12 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ގުޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ކ.ގުޅީގައި މި ސަރުކާރުން ހިއްކަން ފެށި ބިން ހިއްކައި އެ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައިފިއެވެ. އަދި އެ ރަށަށް އިތުރުވި ބިމަކީ ގުޅީގެ ތަރައްގީގައި އެއްލިގެންދިޔަ އައު ސަފުހާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. 

ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ސަބަބުން ގުޅީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކުރެވި ތަރަައްގީގެ އައު މަސައްކަތްތަކަށް މި މަޝްރޫއު ނިމުމުގެ ސަބަބުން މަގުކޮށިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެމްޓީސީސީން ކުރި މަސައްކަތް ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވިއެވެ. 

"ރަށަށް އިތުރުކުރެވިގެންދާ މި ބިމަކީ ގުޅީ ރައްޔިތުންގެ ތަރައްގީގެ ގިނަ ކަންތައްތަކެއް ފެށުމަށް އެޅިގެންދިޔަ ނުވަތަ އެއްލިގެންދިޔަ މުހިއްމު ސަފުހާއެއް. ރައްޔިތުން ބޭނުންވާ ގޮތަށް މިބިން ބޭނުންކުރަން ހަދާ ލޭންޑް ޔޫސް ޕްލޭންވާނީ ހަގީގަތުގައިވެސް ރައްޔިތުން ބޭނުންވާ ގޮތަށް މި ބިން ބޭނުންކުރެވޭކަން ކަށަވަރުކުރެވޭ ލިޔުމަށް ނުވަތަ ކުރެހުމަށް.،" ރައީސް ވިދާޅުވިއެވެ. 

ކ.ގުޅީގައި އަލަަށް ހިއްކި ބިން، ފޮޓޯ: ރައީސް އޮފީސް 

"ސަރުކާރުން ދޭ ޔަގީންކަމަކީ ރައްޔިތުން ބޭނުންވާ ގޮތަށް މި ބިން ބޭނުންކުރުމަށް މަގުފަހިކޮށްދޭނެކަން އަދި މަގުތައް ފަހިކޮށްދޭނެކަން. އެއީ ހައުސިން މަޝްރޫއުތައް ހިންގައިދިނުންކަމަށްވިޔަސް، އިޖުތިމާއީ އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން މަސައްކަތްކުރުން ކަމުގައިވިޔަސް ސަރުކާރު އޮންނާނީ ތިޔަބޭފުޅުން ބޭނުންވާ ގޮތަށް މަސައްކަތްކޮށްދޭން،"

މިއަދު ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުވެސް ދާދި އަވަހަށް ފެށިގެންގޮސް ނިމިގެންދާނެ ކަމުގައެވެ. އަދި އިތުރު ތަރައްގީގެ މަޝްރޫއުތައްވެސް އެ ރަށުގައި ކުރިއަށްދާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް އެ ރަށުގައި ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރައްޔިތުންގެ ބިންތަކުގެ މައްސަލަ ހައްލުކުރުމަށް އެ އެއްބަސްވުންތައް ނިމުމަކަށް ގެނެވިފައިނުވާ ކަމަށާއި، ސަރުކާރުން ކުރިއަށްގެންދާނީ ރައްޔިތުން އެދޭ ގޮތަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ދައުލަތަށް ގެއްލުންނުވާ ގޮތަށް ކަމަށެވެ. 

އެ މައްސަލަވެސް ރައްޔިތުން އެދޭ ގޮތަށް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ގުޅީގެ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ކަންކަމަަށް ވަރަށް ބޮޑަށް އިސްކަންދެއްވައިގެން އެކަންކަން ކުރިއަށްގެންގޮސްދެއްވާނެ ކަމަށެވެ. އަދި އެގޮތަށް ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވި ޔަގީންކަމަކީ ހުރިހާ ރަށެއްގައިވެސް މަޝްރޫއުތައް ފައްޓަވައި ކުރިއަށްގެންދަވާނެ ކަމަށެވެ. 

"މިރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން އަޅުގަނޑުވީ ވައުދުތައް ފުއްދުމަކީ މި ސަރުކާރުގެ ޒިންމާ އަދި އަމާޒު. އެގޮތުގައި އަޅުގަނޑުމެން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ. 

ގުޅީގައި ހިއްކާފައިވާ ބިމަކީ 10.15 ހެކްޓަރުގެ ބޮޑު ބިމެކެވެ. އެއާއެކު އެ ރަށުގެ ބިމުގެ ޖާގަ ކުރިއަށްވުރެ ދެގުނަ އިތުރުވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު