ENGLISH
20 ނޮވެމްބަރު 2025
ފުވައްމުލަކަށް ފެން ފޯރުކޮށްދިނުން ބާރަށް ކުރިއަށް؛ ހައެއްކަ ގަޑިއިރުތެރޭ މައްސަލަ ހައްލުކޮށް ފެން ދޫކުރާނެ
11 ނޮވެމްބަރު 2025
|
ފުވައްމުލަކު ސިޓީގެ ފެން ތަަޣައްޔަރުވުމާ ގުޅިގެން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން
ފުވައްމުލަކު ސިޓީގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަަ ހައްލުކޮށް ކުރިއަށް އޮތް ހައެއްކަ ގަޑިއިރު ތެރޭ ކުރިއެކޭ އެއްގޮތަށް ފެން ދޫކުރާނެ ކަމަށާއި، މައްސަލަ ހައްލުކުރެވެންދެން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމާ ގުޅިގެން އެ ސިޓީން ފެން ކަނޑައިލާފައިވާއިރު، އެ ސިޓީއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަސައްކަތުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވިއެވެ.
އެގޮތުން ހީނާ ވިދާޅުވީ ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށެވެ. މިހާތަނަށް ފަސް ލީޓަރުގެ 500 ކެސް ފެނާއި، 1.5 ލީޓަރުގެ 1،300 ކޭސް ފެނާއި، 500 މިލިލީޓަރުގެ 1،000 ކޭސްފެން ވައިގެ މަގުން ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މިހާތަނަށް ސަރުކާރުންވަނީ ރައްޔިތުންނަށް 1،200 ކޭސް ފޯރުކޮށްދީފައެވެ. އިތުރު ބޯފެން ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރަމުންއަންނަ ކަމުގައިވެސް ހީނާ ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވައި ހީނާ ވިދާޅުވީ އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ފެނަކައިން ނިންމާލާފައިވާ ކަމަށެވެ.
އަދި ހުރިހާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ހައެއްކަ ގަޑިއިރު ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކުރިއެކޭ އެއްގޮތަށް ފުވައްމުލަކު ރައްޔިތުންނަށް ފެން ދޫކުރަން ފަށާނެ ކަމުގައި ހީނާ ވިދާޅުވިއެވެ.
"ފުވައްމުލައް ސިޓީއަށް މިވަގުރު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުން.،" ފެނުގެ މައްސަލަ ހައްލުކުރުމަށް މުޅި ސަރުކާރު ގުޅިގެން މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަން ދެއްވަމުން ހީނާ ވިދާޅުވެފައިވެއެވެ.