ENGLISH
20 ނޮވެމްބަރު 2025
މާލޭގައި ދިރިއުޅޭ އެންމެނަށް އުފާވެރިކަން؛ ތަފާތުކުރުމެއް ނެތި އެންމެން ޝާމިލުވާ ގޮތަށް ބޯހިޔާވަހިކަން
11 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް
ފުރަމާލެއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދިވެހިން އެ ރަށަކަށް ހިޖުރަކޮށް ވަޒަންވެރިވެގެން ދިރިއުޅޭ ތަނެކެވެ. މި ސިޓީގައި ދިރިއުޅޭ މި ސިޓީގެ އަސްލު ރަށްވެހިންނާއި، މި ރަށުން ލިބޭ އެކި ކަހަލަ ފުރުސަތުތައް އަދައިގެން މި ރަށަށް ހިޖުރަކޮށް މި ރަށުގައި ވަޒަންވެރިވެގެން އުޅޭ އެންމެންނަށްވެސް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުގެ ދަތިކަމާއި ބޯހިޔާވަަހިކަމުގެ ތަދުކަމެވެ.
މި މައްސަލައަކީ ޖުމްލަ ގޮތެއްގައި މާލޭ ސަރަހައްދަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަކަމާއި، އެހެނިހެން ގިނަ މައްސަލަތަކެއްގެ އަސްލަކީ މި މައްސަލަކަން ދެނެވަޑައިގެން އެ މައްސަލައަށް ދާއިމީ ދެމެހެއްޓެނެވި ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރެން ހައެއްކަ ދުވަހަށް ވެފައިވަނިކޮށް، ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް މިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބުމަށް އެދި ތިބި މާލޭގެ ރަށްވެހިންނަށް އުފާވެރިކަމުގެ ހަބަރުތަކެއް ދެއްވާފައެވެ.
މާލޭ ސަރަހައްދުގައި ކުލިތައް ބޮޑުވުމުގެ މައްސަލައިގެ ހައްލަކީ ހައުސިން މާކެޓު ނުވަތަ ގެދޮރުގެ ބާޒާރުން ގެދޮރު ލިބޭ މިންވަރު އިތުރުކުރުމެވެ. ރައީސް ވެރިކަމަށް ވަޑައިގަތީ މާލޭ ސަރަހައްދުގައި ގެދޮރު ބިނާކުރާ މިންވަރު އިތުރުކޮށްދެއްވައި ބާޒާރުގައި ރައްޔިތުންނަށް ލިބެންހުރި ގެދޮރުގެ އަދަދު އިތުރުކޮށްދެއްވުމުގެ ވައުދުފުޅާއެކުއެވެ. އެމަނިކުފާނުވަނީ އެ ވައުދުފުޅު ފުއްދެވުމުގެ މަސައްކަތުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން މި އަހަރު ނިމުމުގެ ކުރިން 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވި އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް އެކުވެރި ގައުމުތަކުގެ އެހީގައި އިތުރު ބައެއް ހައުސިން މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން އެންމެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި ރައީސް ހާމަކުރެއްވީ އިންޑިޔާގެ އެހީގައި ފަށާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ. އެ މަސައްކަތް ފެށުމާއެކު، މާލޭ ސަރަހައްދުގައި އިޖުތުމާއީ ބޯހިޔާވަހިކަމުގެ ޖުމްލަ 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް މާލޭ ރަށްވެހިންގެ ތެރެއިން މާލެއަށް ނިސްބަތްވާ މީހުންނަށް އެކަނި ގެދޮރު ފޯރުކޮށްދިނުމަށް ކުރީ ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ ސްކީމުގެ ދަށުން، ނުހިއްކައިހުރި ސަރަހައްދުތަކުން އެތައް ހާސް ރައްޔިތުންނަށް ދޫކުރި ގޯތިތައް އެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅިފަޅާއި، ގިރާވަރުފަޅާއި، އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑުން ދޫކުރި ގޯތިތައް ހިކިފަސް ބިމަށް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
މާލޭގައި ދިރިއުޅޭ މާލޭގެ ހުރިހާ ރަށްވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުކަން ރައީސް ހާމަކުރެއްވިއެވެ. އެއީ މާލެއަށް މާލޭގެ ރައްޔިތުންނާއި، މާލެއަށް ހިޖުރަކޮށް މާލޭގައި ވަޒަަންވެރިވެގެން މި ސިޓީގައި ދިރިއުޅޭތާ ދިގު މުއްދަތެއްވެފައިވާ މީހުންނާއި، މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުން ހިމެނޭ ގޮތަށް މާލޭގެ ހުރިހާ ރަށްވެހިންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި އެކި ގިންތީގެ މީހުންނަށް ބޯހިޔާވަހިކަން ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކަަމުގެ މަޝްރޫއުތަކަކީ މި އެންމަނަށްވެސް އެއިން ގެދޮރު ލިބޭނެ ގޮތަށް ހިންގާ މަޝްރޫއުތަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވަން އެމަނިކުފާނު ފެއްޓެވި ރަސްމާލެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތަކެއް ގެންނަވާނެކަމަށާއި ޑިސެންބަރު މަހުން ފެށިގެން އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވިގެންދާނީ މިހާރު މަސައްކަަތް ކުރިއަށްދާ ދުވެލީގެ ތިންގުނަ ހަލުއިކޮށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދުވެލީގައި މަސައްކަތްކޮށް ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އެ ބިމުން ބައެއް ހިއްކަައި ނިމޭނެ ކަމަށެވެ. އެ ނިމޭ ސަރަހައްދުން ގޯތި ދޫކުރުމަށް ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ބިން ހިއްކައި ނިމުމުގެ ކުރިން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން ކަމަށެވެ. އެގޮތުން އަލަށް ހިއްކޭ ސަރަހައްދުން 15،000 ގޯތި ދޫކުރަން އިއުލާނުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
15،000 ގޯއްޗާއި 7،000 ފުލެޓު ދޫކުރެވިގެންދާއިރު، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނޯންނާނެއެވެ. މާލޭގައި ވަޒަންވެރިވެގެން އުޅޭ މާލޭ ސަރަހައްދުގެ ކޮންމެ ރަށްވެއްސަކަށްވެސް ބޯހިޔާވަހިކަމުގެ މި ފުރުސަތުތަކުން ޖާގަ ލިބޭނެއެވެ. މިއީ ޒަމާންވީ މައްސަލައެއްގެ ހައްލުގައި އެއްވެސް ބަޔަކު ބާކީނުކޮށް އެންމެންގެ ހައްގުތައް ރައްކާތެރިވާނެ ގޮތަށް ހޯދައިދެވޭ ދާއިމީ ހައްލަކެވެެ.